ހަނގުރާމަ ކުރުމަށް ކަމަށް ބުނެ، ރާއްޖެއިން ބޭރަށް ދިޔަ ހ. ހިލްޓަން އަޒްލިފް ރައޫފް ރާއްޖެއިން ބޭރަަށް ފުރައިގެން ދިޔުމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް އޮތް ކަމަކަށް މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އަޒުލިފު ފުރިއިރު އޭނާ ފުރުން މަނާ ކުރުމުގެ އެއްވެސް އަމުރެއް ނޯންނާނެ ކަމަށެވެ. ހަމައެހެންމެ އަޒުލިފު ފުރައިގެން ދިޔައިރު އޭނާ ހުރީ ގާނޫނީ އެއްވެސް ބަންދެއްގައި ނޫން ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ،

"އޭނަ ފުރައިގެން ދިއުމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އޭނާ ހިފެހެއްޓުމަށް އެއްވެސް އަމުރެއް ފޮނުވާފައެއް ނުވާނެ. މިހާތަނަށް ބެލި ބެލުމަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމުގައި ޒިންމާވާން ޖެހޭ ކަމަކަށް އަޅުގަނޑުމެންނަކަށް [ފުލުހުންނަށް] ފާހަގަކުރެވިފައެއް ނުވޭ،" ހަމްދޫން ވިދާޅުވި އެވެ.

އަޒުލިފު ރާއްޖޭން ބޭރަށް ފުރުވާލުމުގައި ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އަތެއްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހަމްދޫން ވިދާޅުވީ މިހާތަނަށް ލިބުން މައުލޫމާތުތަކުން އެކަމުގައި ނައިބު ރައީސް އަދީބުގެ އަތެއްނުވާ ކަމަށެވެ.

އަޒްލިފް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އަޒްލިފާއި އިތުރުބައެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.