14 Mar 2011, 22:46
ވައްކަން ކޮށްގެން ލ. ކުނަހަންދުއަށް އަރުވާލާފައި ހުރި މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއެކު ލ. ފޮނަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލ. ފޮނަދޫ ފުލުހުން ހައްޔަރު ކުރީ ގދ. ގައްދޫ، ޓޮބެކޯ މޫސާ ނަސީމް 37، ކަމަށާއި އޭނާއަކީ ވައްކަމުގެ މައްސަލައެއް ސާބިތުވެ، 2008 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރާއި ހަމަސް ދުވަހަށް ލ. ކުނަހަންދޫއަށް ފޮނުވާލާފައި ހުންނަ މީހެކެވެ. އަދި ބުނީ އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ތަކެތި ހުރި 29 ޕެކެޓާއެކު ކަމަށެވެ.
ނަސީމް ހައްޔަރު ކުރި ދުވަހެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ހައްޔަރު ކުރީ ފޮނަދޫއިން މާވަށަށް ދާން ފެރީއަށް އަރާ އިންދާ ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކޮށް އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 29 ޕެކެޓް ފެނިގެނެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ލ. ކުނަހަންދޫ މީހަކު ވެސް ފޮނަދޫން މާވަށަށް ދިއުމަށް ފެރީގައި އިންދާ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއެކު ފުލުހުން ހައްޔަރު ކުރި އެވެ.