27 Aug 2015, 16:42
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި، 600 އަކަފޫޓަށް ވުރެ ކުދި ބިންތައް ރަޖިސްޓްރީ ކޮށްދެވޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަޞްދީގު ކުރައްވައިފި އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެ ނަމަ އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ މެދުގައި އެބަޔަކު އެދޭ ނަމަ ވަކިވަކިން ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ.
އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ވާރިސުންގެ މެދުގައި އެ ބިމެއް ނުވަތަ ގޯއްޗެއް ވަކިވަކި ކޮށްދެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ބިމާ ބެހޭ ގާނޫނުގައި ކުރިން އޮތް ގޮތުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށް ދެވޭނީ، 600 އަކަފޫޓަށް ވުރެ ކުޑަ ނުވާ ނަމަ އެވެ.
ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެ ނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެ ކަމަށް ކުރިން އޮތް ގާނޫނުގައިވެ އެވެ.