ގައްޒާފީގެ ސަރުކާރުން ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަށް ހުއްޓުވާ އެގައުމުގެ ރައްޔިތުންގެ ހައްގުތަށް ހިމާޔަތް ކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން މިއަދު ގޮވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ރައްޔިތުން ހިމާޔަތް ކޮށްދިނުމުގައި އދ. ގެ ސަލާމަތީ މަޖިލިސް އަދާކުރަންޖެހޭ ދައުރު އަދާކޮށް އެ ގައުމުގެ ހާލަތު އިތުރަށް ނުތަނަވަސް ވެގެން ދިޔުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރު ގައުމުތަކަށް ގޮވާލާފައި ވަނީ ވީއެންމެ އަވަހަކަށް ލީބީޔާގައި އުދުހުން މަނާ ސަރަހައްދެއް ގާއިމް ކުރުމަށެވެ.

" ޤައްޒާފީގެ ސަރުކާރުގެ ޢަމަލު ތަކުގެ ސަބަބުން، އެ ވެރިކަމުގެ ޤާނޫނީ ބާރާއި، ވެރިކަން ކުރުމުގެ ޙައްޤުވަނީ ގެއްލިފައި. ޤައްޒާފީގެ ވެރިކަމުގެ ޤާނޫނީ ބާރު ގެއްލުމާ ގުޅިގެން، ލީބިޔާގެ ރައްޔިތުންގެ އެދުންތައް ތަމްސީލުކުރާ ހަމައެކަނި ޤާނޫނީބާރު ލިބިފައިވާ ފަރާތުގެ ގޮތުގައި މިވަގުތަށް ފެންނަމުންދަނީ ހަމައެކަނި ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލް. އެހެން ކަމުން، ހަމަ މިހާރުން މިހާރަށް، ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލާއެކު ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ދޮރު، އ.ދ.ގެ އިސްނެގުމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢުން މިހާރުން މިހާރަށް ހުޅުވާލަންޖެހޭނެ." ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

ގައްޒާފީ، އެ ގައުމުގެ ޢާންމުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް، ލީބިޔާގެ އެއާ ފޯސް ބޭނުންކުރުން ހުއްޓުވުމަށް، ލީބިޔާގައި އުދުހުން މަނާ ސަރަޙައްދެއް ގާއިމް ކުރުމަށް، ބައިނަލްއަގްވާމީ މުޖްތަމައަށް އަރަބި ލީގުންވަނީ ހޮނިހިރު ދުވަހު ގޮވާލާފަ އެވެ. އަދި، ލީބިޔާގެ ރައްޔިތުން ތަމްސީލު ކުރާ ހަމައެކަނި ގާނޫނީ ފަރާތަކީ، އެ ގައުމުގައި ގާއިމް ކުރެވިފައިވާ ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލް ކަމުގައި ބަލައިގަތުމަށްވެސް އަރަބި ލީގުންވަނީ ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފަ އެވެ.