27 Aug 2015, 14:53
މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމަލު ކުރަން ފެށި ގާނޫނުލް އުގާބާތަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރު ޠާރިގު ވަނީ ގާނޫނުލް އުގޫބާތުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހަޅުއްވައިފައެވެ. އޭނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާ އާއި ރިޝްވަތު ހުށަހެޅުމާއި މަންފާއެއްގެ ގޮތުގައި ފައިސާ ދިނުމުގެ މާއްދާގެ އިތުރުން ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާއަށެވެ.
ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާގައި މިހާރު ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ރައްޔިތުންގެ މަޖިލީހުން އެ އަދަދު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށެވެ.
ޠާރިގު ހުށަހަޅުއްވާފައިވާ އިސްލާހުގައި މިހާރު ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އެ އަދަދު މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ގާނޫނުގެ 314 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގެ (ހ)ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަ ނެތް މަންފާއެއް ލިބިގެންފި މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.
ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނުލް އުގޫބާތާއި ގުރުއާނުގައި ކަނޑައަޅާފައިވާ އުގޫބާތެއް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.
އެ މާއްދާއަށް ޠާރިގު ހުށަހަޅުއްވާފައިވާ އިސްލާޙުގައި ބުނެފައި ވަނީ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އަދި އެ މީހާގެ މައްޗަށް ހައްދު ގާއިމުކުރުން މަނާކުރާ ޝަރުއީ ސަބަބެއް ނެތް ނަމަ، އެ މީހާގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހައްދުގެ އަދަބެވެ.
އަނެއް އިސްލާޙުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ހައްދުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑުން ސާބިތުނުކުރެވުނު ކަމަށް ވިޔަސް ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށެއް ސާބިތުކުރަން ކަނޑައަޅާފައިވާ މިންގަނޑުން އެ ކުށެއް ސާބިތުކުރެވިއްޖެ ނަމަ، އެ ގާނޫނުގެ ދަށުން އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބެއް ދޭންވާނެ ކަމަށެވެ.
ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށްތައް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސޫލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.