ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރަން ނިންމީ 40 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.

އިންޓަގުރިޓީ ކޮމިޝަނުގެ ބިލަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ފަސް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެހެންނަމަވެސް އެއިން އެއްވެސް އިސްލާހެއް މަޖިލީހުން ފާހެއް ނުވެ އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ އެ ބިލު ހުށަހެޅުއްވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރަން ކޮމިޝަނެއް އުފެއްދުމަށް ކަމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސަކު އައްޔަންކުރަން ޖެހެނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރަ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.