މި މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ސަބަބުން، އެ ޤައުމަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާ ވަރުގެ ޤުދުރަތީ މުސީބާތެއް ވަނީ ކުރިމަތިވެފައެވެ. މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 8.9 ގައި ކަމަށް ކުރީން ބުނެވުނު ނަމަވެސް، ޔޫ.އެސް. ޖިއޮލޮޖިކަލް ސާރވޭ އިން މީގެ ގަޑިތަކެއް ކުރީން ހާމަކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ހަގީގީ މިންގަނޑަކީ 9.0 އެވެ. މި ބިންހެލުމަކީ ރިކޯޑުތައް ބަލަހައްޓަން ފެށީއްސުރެ ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. 1900 ވަނަ އަހަރަށް ފަހު ދުނިޔެއަށް އައި ހަތަރުވަނަޔަށް އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ބިޔަ ރާޅުތަކުގެ ސައިލު ޖަޕާނުގެ އެތައް ޝަހަރަކާއި އެތައް އަވަށެއް ބަނޑުދަށުލަމުން ދެމިގެން ދިޔުމަށް ފަހު މިހާރު ޖަޕާން އޮތީ ކަރުނައިގެ ސައިލެއްގެ ތެރޭގައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 2400 އަށް ވުރެ ގިނަވެފައެވެ.

ބިންހެލުމާއި ސުނާމީގެ ހަމަލާ އައީ ޖަޕާނުގެ އިރުއުތުރުގެ ދެ ޕްރިފެކްޗަރ ކަމަށް ވާ މިޔާގީ އާއި ފުކުޝީމާގެ ސަރަހައްދަށެވެ. ބިންހެލުމުގެ މަރުކަޒު ނުވަތަ "އެޕިސެންޓަރ" އަކީ ވެރިރަށް ޓޯކިޔޯގެ އުތުރުން 230 މޭލު ދުރުގައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް ހެލުމުގެ ބާރުގަދަކަމުން ޓޯކިޔޯ ވެސް ވަނީ ނުލާހިކު ދަރަޖައަކަށް ގުޑާފައެވެ. ޓޯކިޔޯއިން ޚަބަރުލިބޭ ގޮތުގައި މި ފަހަރުގެ ހެލުން ފަދަ ވަރުގަދަ ހެލުމެއް ޝަހަރުގެ ރައްޔިތުން މިއިން ޒަމާނެއްގައި ވެސް ތަޖުރިބާކޮށްފައެއް ނުވެއެވެ. ބިންހެލުމާ ގުޅިގެން އައި ސުނާމީގައި އުފެދުނު ރާޅުތައް ބައެއް ހިސާބުތަކުގައި ގަޑިއަކު 800 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކޮށްފައި ވެއެވެ. މިއީ ޖެޓް މަތިންދާބޯޓެއްގެ ދުވެއްޔާ އެއްވަރުގެ ބާރުމިނެކެވެ. އަދި ރާޅުތަކުގެ އުސްމިން ބައެއް ސަރަހައްދުތަކުގައި ހުރީ 33 ފޫޓާ ހަމައިގައެވެ.

ތައްޔާރީތަކުގެ ނަތީޖާއަކީ ކޮބައިތަ؟

ޖަޕާނުގެ އެތައް މިލިއަން ބަޔަކު ތިބީ އެމީހުންގެ އާއްމު ދިރިއުޅުމުގެ ކަންތައްތަކުގައި މަޝްޣޫލުވެގެން، ދިމާވެދާނެ ކުއްލި ނުރައްކަލަކާ މެދު ޣާފިލުވެފައެވެ. އެހެން ތިއްބައި ވަރުގަދަ ބިންހެލުމެއް އައިސް، މާކަނޑުގެ ބިޔަ ރާޅުތައް މުސީބާތަކަށް ވެގެން ބޯމައްޗަށް ބިންދާލަން ފެށުމުން ހާމަވި އެންމެ މުހިއްމު އެއް ކަމަކީ މިފަދަ ޤުދުރަތީ ކާރިސާތަކުގެ ކުރިމަތީގައި އިންސާނާގެ ބަލިކަށިކަމާއި އާރެއް ބާރެއް ނެތް ކަމެވެ. މުޅި ޖަޕާނު ތަނޑާ އެކު ގުޑުވާލި ހެލުމަށް ފަހު، ފެތުރިގެން ދިޔަ ރާޅުތައް ބައެއް ހިސާބުތަކުގައި އެއްގަމަށް ހަ މޭލުގެ ސަރަހައްދަށް އަރައިގެން ދިޔައީ ކާރުތަކާއި ބަސްތަކާއި ގެތަކާއި ދެން ވެސް ޖެހުނުހައި އެއްޗެއް އޮއިކުނިކޮޅުތަކެއް ފަދައިން އޮޔާލަމުންނެވެ.

ޤުދުރަތުގެ ފަނާކުރަނިވި ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުނު ޖަޕާނަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން މިފަދަ ކާރިސާތަކަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން އޮތް ޤައުމެވެ. ތައްޔާރުވެފައި ވާ މިންވަރާއި، ތައްޔާރީތަކުގެ ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް ފެންވަރަށް ބެލިޔަސް ދުނިޔޭގެ އެންމެ މަތީ ފަޑީގައި އޮތް ޤައުމެވެ. ޤުދުރަތީ ކާރިސާތައް ދިރާސާކޮށް، އެފަދަ ކާރިސާތަކުގެ ގެއްލުމާ ދެކޮޅަށް ޖަޕާން ތައްޔާރުވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ބިންހެލުންތަކާއި ސުނާމީތަކުގެ ތަބީއަތު ދިރާސާކުރަން ޖަޕާނު ސަރުކާރުން ވަނީ އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ. ޤައުމުގެ އިމާރާތްތައް ފަރުމާކުރެވި، ބިނާކުރެވިފައި ވަނީ ދުނިޔޭގެ އެހެން ތަންތަނުގައި އާއްމުކޮށް ބޭނުންނުކުރެވޭ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން، ބިންހެލުމެއް ކުރިމަތި ވިޔަސް ނުވެއްޓި، ހަމައެކަނި ހެލިލަހެލިލައި ހުންނާނޭ ފަދަ ގޮތަކަށެވެ. ޖަޕާނުގެ ސްކޫލްތަކުގައި ބިންހެލުމާއި ސުނާމީ ފަދަ ކަންތައްތައް ދިމާވާ ހިނދު ކަންތައްތައް ކުރާނެ ގޮތުގެ ފިލާވަޅުތައް ކުދީންނަށް ދެވޭ ކްލާސްތައް އޮވެއެވެ. އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން ދާއިމީ ސިފައެއްގައި ކާރިސާތަކުގައި ކަންތައް ކުރަން ޖެހޭ ގޮތުގެ ތަމްރީނުތައް ދެވޭ މަޝްރޫއުތައް ހިންގެއެވެ. ހަމައެއާއެކު، ޖަޕާނުގައި ޤާއިމުކުރެވިފައިވާ ބިންހެލުމާއި ސުނާމީގެ އިންޒާރު ދޭ ނިޒާމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި އެ ފެންވަރުގެ ނިޒާމެއް ނެތް ފަދަ ނިޒާމެކެވެ.

މިފަދަ ފެންވަރަކަށް ތައްޔާރުވެގެން އޮތުމުގެ ސަބަބުން ޖަޕާނަށް މި ފަހަރުގެ ކާރިސާގައި ލިބުނު ގެއްލުން ނިސްބަތުން ކުޑައެވެ. އެމެރިކާގެ ސައެންސްވެރިއެއް ކަމަށް ވާ ރިޗަރޑް އެލަން ވިދާޅުވާ ގޮތުގައި މި ދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހެއިޓީއަށް އައި ބިންހެލުމުގައި ދޫވި ހަކަތައިގެ މިންވަރަށް ވުރެ، މި ފަހަރު ޖަޕާނަށް އައި ބިންހެލުމުގައި ދޫވި ހަކަތައިގެ މިންވަރު 1000 ގުނަ އިތުރެވެ. ނަމަވެސް ހެއިޓީގެ ބިންހެލުމުގައި 200000 މީހުން މަރުވި އިރު، މި އަދަދާ ގާތްކުރާ ވަރަށް ވެސް ޖަޕާނުގެ ކާރިސާގައި މީހުން މަރުވެފައެއް ނުވެއެވެ. މަރުވާ މީހުންގެ އަދަދު މިހާރުގެ ރިކޯޑުތަކުން ދައްކާ މިންވަރަށް ވުރެ އިތުރު ވިޔަސް، އެ އަދަދު 200000 އަށް އަރާނެކަމަކަށް ނުބެލެވެއެވެ. ކަން މިހެން އޮތުމާ އެކު ވެސް، ފާހަގަކުރަން ޖެހޭ އެއްމެ މުހިއްމު އެއް ކަމަކީ ހާލަތު މުޅީން ކޮންޓްރޯލުގެ ދަށުގައި ބޭއްވުމުގައި ޖަޕާނު ވެސް ނާކާމިޔާބުވެފައި ވާ ކަމެވެ.

އަލިފާން އަނގޮޓީގެ ޝިކާރަ

ޕެސިފިކް ކަނޑަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑެވެ. ދުނިޔޭގެ ބިމުގެ ސަތުހުގެ ތިންބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދަކީ އެ ކަނޑެވެ. އެ ކަނޑުގެ ހަ ފަރާތުގެ އައްސޭރި ސަރަހައްދުތަކަކީ ގިނަ އަދަދަކަށް "ޑީޕް އޯޝަން ޓްރެންޗް" ތަކާއި ކަނޑުއަޑީގެ އަލިފާން ފަރުބަދަތައް ހިމެނޭ ސަރަޙައްދުތަކެވެ. ދިގުބުރު ބައްޓަމަކަށް އޮންނަ ޕެސިފިކް ކަނޑުގެ އައްސޭރި ފަށް ކަމުގައި ހިމެނޭ މި "ވަށްބުރު ރޮނގު" މަޝްހޫރުވެފައި ވަނީ "ރިންގް އޮފް ފަޔަރ" ގެ ނަމުންނެވެ. މި "ރިންގް" ގެ ދާރަމަތީ ސަރަޙައްދުތަކަކީ ދުނިޔޭގައި އެންމެ ބިންހެލުން ޢާއްމު ސަރަހައްދުތަކެވެ. ޕެސިފިކް "ރިންގް އޮފް ފަޔަރ" ގެ ދާރަމަތީގައި އޮންނަ ޤައުމުތަކުގެ ތެރޭގައި ޖަޕާން ހިމެނެއެވެ. އެހެންކަމުން ޖަޕާނު ވެފައި ވަނީ ބިންހެލުން އެންމެ ގިނައިން ތަޖުރިބާކުރަން ޖެހޭ އެއް ޤައުމު ކަމަށެވެ. މިފަދަ ކޮންމެ ބިންހެލުމަކާ ގުޅިގެން ސުނާމީ އުފެދުމަކީ މުމްކިން، އަދި ޢާއްމުކޮށް ހިނގާ ކަމަކަށް ވާތީ، ޖަޕާނުގައި ސުނާމީތައް ވެސް އެހައި ޢާއްމެވެ.

ޕެސިފިކް "ރިންގް އޮފް ފަޔަރ" ނުވަތަ "އަލިފާން އަނގޮޓީ" ގެ ދާރަމަތީގައި އޮންނަ އެހެން ސަރަޙައްދުތަކަށް ވުރެ ވެސް ބިންހެލުންތަކުގެ ބިރުވެރިކަމާއި ނުރައްކާ ޖަޕާނަށް ބޮޑު ވާ ސަބަބެއް ވެއެވެ. އެއީ ޖަޕާނަކީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތަކުގެ ތެރެއިން ބޮޑު ހަތަރު ޕްލޭޓް ދިމާވެ، މުޑިއަރާ ސަރަޙައްދުގައި އޮންނަ ޤައުމަކަށް ވުމެވެ. މި ދަންނަވާ ހަތަރު ޕްލޭޓަކީ ޔޫރޭޝިއަން ޕްލޭޓާއި، ނޯރތު އެމެރިކަން ޕްލޭޓާއި، ޕެސިފިކް ޕްލޭޓާއި، ފިލިޕައިން ޕްލޭޓެވެ. މި ޓެކްޓޯނިކް ޕްލޭޓްތައް ހަރަކާތްކުރުމުގެ ތެރޭގައި މުޑިއެރުމުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނަށް ޢާއްމުކޮށް ކުދިކުދި ބިންހެލުން އާދެއެވެ. އަދި ދޭތެރެއަކުން ޕްލޭޓްތައް އާދަޔާ ޚިލާފަށް ބާރަށް މުޑިއެރުމުގެ ސަބަބުން ވަރުގަދަ ބިންހެލުންތައް އާދެއެވެ. މިފަދަ ބިންހެލުންތަކާ ގުޅިގެން ސުނާމީ އުފެދުމަކީ އާއްމު ކަމެކެވެ. އަރާ ސުނާމީއެއްގެ ނުރައްކާތެރިކަން ބިނާވެފައި އޮންނަނީ ބިންހެލުން އަންނަ ގޮތާއި، އެ ބިންހެލުމެއްގެ ބާރުމިނުގެ މައްޗަށެވެ.

ތާރީޚުގެ ތެރެއިން

ސުނާމީއަކީ ކޮން އެއްޗެއްކަން އަޅުގަނޑުމެން ދިވެހީންނަށް ޢާއްމުކޮށް އެނގެން ފެށީ 2004 ވަނަ އަހަރު އިންޑިޔާ ކަނޑުގައި އުފެދުނު ސުނާމީއެއްގެ ރާޅުތައް ރާއްޖެއަށް އެރުމާ ގުޅިގެންނެވެ. އޭގެ ކުރީން ވެސް ދިވެހީން "ބޮޑު ރާޅު" ދަނެއެވެ. ނަމަވެސް ކަނޑުއަޑީގެ ބިންހެލުންތަކާއި، އަލިފާން ފަރުބަދަތައް ގޮވުމާ ގުޅިގެން އުފެދޭ ވަރުގަދަ ސުނާމީތަކާ ބެހޭ މައުލޫމާތު ދިވެހީންނަށް އާއްމުކޮށް ލިބި، "ސުނާމީ" މި ބަސް ދިވެހީންނަށް ތައާރަފުވީ 2004 ގެ ސުނާމީއާ ގުޅިގެންނެވެ.

2004 ވަނަ އަހަރުގެ ސުނާމީ އުފެދުނީ އިންޑޮނީޝިއާގެ ސަރަޙައްދުގެ ތެރޭގައި، ކަނޑު އަޑީގެ ހިސާބަކަށް އައި ބިންހެލުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ރިކްޓަރ މިންގަނޑުން 9.0 އަށް ވުރެ ބާރުގަދަ މި ބިންހެލުމަކީ ދުނިޔޭގެ ތާރީޚުގައި ރެކޯޑްކުރެވިފައިވާ އެންެމެ ބާރުގަދަ އެއް ބިންހެލުން ވެސް މެއެވެ. އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އިންޑިޔާ ކަނޑުގެ އެތައް ސަރަހައްދަކަށް ފެތުރިގެން ދިޔަ އިރު، އެ ރާޅުތަކުގެ ޝިކާރައަށް ދިވެހި ރާއްޖެއާ އެކު 12 ޤައުމަކުން 150000 އަށް ވުރެ ގިނަ މީހުން ވެފައި ވެއެވެ.

ދިވެހީންނަށް ސުނާމީ ތައާ