މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތަށް ނިންމާލައިފި އެވެ.

މަނިކު މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ މީގެ ފަސްއަހަރު ކުރިން 2010 ވަނަ އަހަރުގެ އޮގަސްޓު 17 ވަނަ ދުވަހު އެވެ.

މަނިކުގެ މައްޗަށް ކުށްސާބިތު ނުވާ ކަމަށް އޭރުގެ ޖިނާއީ ކޯޓުން ކުރި ހުުކުމުގައި ވަނީ މައްސަލަ ދިރާސާ ކުރެއްވި އިރު ދައުލަތުން ހުށަހެޅި ހެކީގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެމައްސަލައިގެ އިސްތިއުނާގު އަޑުއެހުންތަށް މީގެ ކުރިންވެސް ނިންމާލާފައިވާއިރު މިއަދު އިތުރު އަޑުއެހުމެއް ބާއްވާފައިވަނީ މައްސަލަ ކުރިން ބަލަމުން ދިޔަ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާ ގުޅިގެނެވެ.

ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިސްފަނޑިޔާރުކަން ކުރެއްވި އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުންވެސް ބުނެފައި ވަނީ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި ދައްކާފައި ހުރި ވާހަކަތަކަށް ހަވާލާދީ މައްސަލަ ނިންމަވާދެއްވުމަށެވެ.

މިއަދު އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ދެން އޮއްނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ.

ހުސައިން މުހައްމަދު ހައްޔަރުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި މުސްކުޅި ދެމަފިރިއެއްގެ އަތަށް ދީގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ތުހުަތުކޮށެވެ.