27 Aug 2015, 11:42
މެޖިސްޓްރޭޓުންނަށް ސެކިއުރިޓީ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ގޮވާލައްވައިފި އެވެ.
ހައިކޯޓުގެ ދެ ގޮތްޕަށް ކަނޑައެޅި ފަނޑިޔާރުންގެ އެކަމޮޑޭޝަން ހަމަޖެއްސުމާ މެދު މާލިއްޔަތު ކޮމެޓީން ނިންމި ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ އަމާންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް މެޖިސްޓްރޭޓުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުމާލެއާއި އަތޮޅު ތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުން ކުށްވެރިންނާ އެއް ފެރީއަކުން ދަތުރުކުރަންޖެހޭ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
މީގެއިތުރުން އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް އެކަށީގެންވާ އިނާޔަތްތަކެއް ދޭންޖެހޭ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ރާއްޖޭގައި ތިބި މެޖިސްޓްރޭޓްރޭޓުންނާ މެދު ވެސް ފުންކޮށް ވިސްނާ ވަޑައިގަންނަވަން ބައްލަވާށޭ،" ޖަމީލް ވިދާޅުވި އެވެ.