ވާޖިނިއާގެ ދެ ނޫސްވެރިން މަރާލި ހާދިސާއާ އެއްގޮތް ސީންތަކެއް ހުރުމާ ގުޅިގެން މަޝްހޫރު ޓީވީ ސީރީޒް "މިސްޓަ ރޯބޯޓް"ގެ ސީޒަން ފިނާލޭ ލަސްކޮށްފި އެވެ.

މިސްޓަ ރޯބޯޓްގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑާއި އިއްޔެ ހިނގި ހާދިސާއާ އެއްގޮތް މަންޒަރުތަކެއް ހުރުމާ ގުޅިގެން ޔޫއެސްއޭ ނެޓްވޯކް އިން އެ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.

ގިނަ ބައެއްގެ ފަރާތުން ރަނގަޅު ރިވިއުއެއް ލިބިފައިވާ ހެކާ-ޑްރާމާ ސީރީޒްގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑް ދެން ދައްކާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ.

ވާޖިނިއާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ޑަބްލިއުޑީބީޖޭ7ގެ ރިޕޯޓަރެއް ކަމަށްވާ އެލިސަން ޕާކާ އާއި ކެމެރާމަން އެޑަމް ވޯޑް އިއްޔެ މަރާލާފައި ވަނީ އެ ދެނޫސްވެރިން ވަގުތުން ދެމުން ދިޔަ އިންޓަވިއުއެއްގެ ތެރެއިންނެވެ.

އެ ދެ ނޫސްވެރިން ގަޔަށް ބަޑި ޖަހައި މަރާލާފައި ވަނީ އެ ނޫސްވެރިން މަސައްކަތް ކުރި ސްޓޭޝަންގައި ކުރިން އުޅުނު ފަރާތެއް ކަމަށްވާ ބްރައިސް ވިލިއަމްސް އެވެ.

މިސްޓަ ރޯބޯޓް އަކީ ޒުވާން އެންޓިސޯޝަލް ކޮމްޕިއުޓަރު ޕްރޮގްރާމަރެއް ކަމަށްވާ އެލިއަޓް އެލްޑަސަން (ރަމީ މަލިކް)ގެ ހަޔާތުގައި ދިމާވާ ކަންތައްތައް ދައްކުވައިދޭ ސީރީޒް އެކެވެ. ސައިބާ ސެކިއުރިޓީ އެންޖިނިއަރަކަށް މަސައްކަތް ކުރާ އެލިއަޓް އަކީ ރޭގަނޑުގެ ވަގުތުގައި ހެކަރެކެވެ. ނަމަވެސް އޭނާ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަނީ ނުދަންނަ މީހަކު އޭނާ، ހެކަރުންގެ ސިއްރު އޯގަނައިޒޭޝަނަކަށް މަސައްކަތް ކުރުމަށް ބުނުމުންނެވެ.