އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުއަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދީފި އެވެ.

ނާޒިމްގެ އާއިލާ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމް ޑޮކްޓަރަށް ދައްކަނީ ކީއްވެގެން ކަމެއް ކަރެކްޝަންގެ ފަރާތުން އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށާއި މިއަދު ހެނދުނު ނާޒިމް އައިޖީއެމްއެޗްއަށް ގެނެސް ޓެސްޓްތަކެއް ހެދުމަށް ފަހު ޑޮކްޓަރަށް ދައްކަމުން އަންނަ ކަމަށެވެ.

މިފަހަކަށް އައިސް ނާޒިމްގެ ލޮލަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ވަރަށް ގިނައިން ނާޒިންއަށް ވަނީ ފަރުވާދީފަ އެވެ.

ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް ކުރިން ވިދާޅުވީ ނާޒިމް ލޮލުގައި ރިއްސާތީ ކުރިން ވެސް އުޅޭ ކަމަށާއި އެނޫނީ ހާލު ރަނގަޅު ކަމަށެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.