ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި މުސްލިމުންގެ އަދަދު 0.8 ޕަސެންޓު އިތުރުވެ ހިންދޫއިންގެ އަދަދު 0.7 ޕަސެންޓް ދަށަށް ހިގައްޖެ އެވެ.

އިންޑިއާގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އެގައުމުގެ އާބާދީގެ ޖުމްލަ އަދަދަކީ 201 ކޮރޯޑެވެ.

އޭގެތެރޭގައި 79.08 ޕަސެންޓް ހިންދޫއިން ހިމެނޭއިރު މުސްލިމުންގެ އަދަދަކީ 14.2 ޕަސެންޓެވެ. އެއީ އިންޑިއާގައި 2001 ވަނަ އަހަރު ހެދި ބޯހިމެނުމާ އަޅާ ބަލާއިރު 0.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބޯހިމެނުމުން ދައްކަ އެވެ.

ްއިންޑިއާގައި ދިރިއުޅޭ ސިކުންނާއި ބުޑިސްޓުން އަދި ޖެއިންގެ އިތުރުން އެހެނިގެން ދީންތަކުގެ މީހުން އިތުރުވާ އަދަދުވެސް ވަނީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަށަށްގޮސްފަ އެވެ.

އިންޑިއާގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1947 ވަނަ އަހަރު އެވެ. އޭރުގެ ތަފާސްހިސާބުތަށް ދައްކާގޮތުން ހިންދޫއިންގެ އާބާދީގެ ނިސްބަތަކީ 84.1 ޕަސެންޓެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ތެރެއިން ދެވަނަ މިހާރު އިންޑިއާއަށް ލިބިފައިވީ ނަމަވެސް 2022 ވަނަ އަަހަރާ ހަމައަށް ދާއިރު ޗައިނާ ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ ކަމަށް ދުނިޔޭގެ އާބާދީއާ ބެހޭ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.