ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމުގައިވާ މ. ޔާގޫތުގޭގައި ބޭނުންކުރާ ސީސީޓީވީގެ ޑޭޓާ ރައްކާ ކުރާ ހާޑްޑިސްކް، ފުލުހުން ގެންގޮސްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށްވަދެ ބަލައި ފާސްކުރުމަށް ފަހު ހާޑްޑިސްކް ގެންގޮސްފައި ވަނީ ރޭ ފަތިހު 4:15ގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 9:00 އެހާކަންހާއިރުން ފެށިގެން މ. ޔާގޫތުގެ ބަލައި ފާސްކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށެވެ.

ޔާގޫތުގެ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ އަމުރުގެ މުއްދަތު ރޭ 12:00 އާ ހަމައަށް ހަމަވެފައި ވާތީ، ފުލުހުން ވަނީ އިތުރު އަމުރެއް ހޯދައި އިތުރަށް އެގެ ބަލައި ފާސްކޮށްފަ އެވެ.

ހަސަން ލަތީފްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން ބަދަލުގެނެސްފައި ވަނީ ރައީސް ނަޝީދަށް އެ ސާވިސް އިން ފޮނުވި ސިޓީއެއްގެ ފޮޓޯ ކޮޕީ ނެގުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ކަރެކްޝަނަލް ސާވިސް އިން ފޮނުވި ސިޓީގެ ފޮޓޯ ކޮޕީ ނެގުމަށް ފަހު ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފުލުސް އޮފީހަށް ފޮނުވި ފޮޓޯ ކޮޕީ ނަގާފައިވާ ސިޓީ ބެލިއިރު އޭގައިވާ ސިޓީ ނަންބަރަށް އަތުލިޔުމުން ބަދަލުގެނެސްފައިވާ ކަމަށެވެ.

"ނަންބަރެއް ބަދަލުކޮށްފައި އޮތްކަމަށް ފާހަގަކުރެވުނީ. ރައީސް ނަޝީދަށް ފޮނުވި ސިޓީގައި އޮންނަނީ 125. އެއީ ސިޓީގެ ނަންބަރު. ފުލުހުންނަށް ކަރެކްޝަނަލް ސާވިސް އިން ފޮނުވި ސިޓީގައި 125 ގެ ފަހަތަށް ސުމެއް އިތުރުކުރައްވާފަ ވަނީ. 1250 އަށް ބަދަލުކޮށްފައި ވަނީ،" ޝަމީމް ވިދާޅުވި އެވެ.