ކޯޓުތަކުގެ ގާނޫނުގެ 15 މާއްދާއަކާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖުޑީޝަލް ކައުންސިލް ބާތިލްކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެނެސް އެ ކޯޓުން މިއަދު ރޫލިންއެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ރޫލިންގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ޖުޑީޝަލް ކައުންސިލާއި އެ ކައުންސިލުގެ އެ ކައުންސިލްގެ މެންޑޭޓް އަދި އެ ކައުންސިލް އެކުލެވިފައިވާ ގޮތް އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އެ ރޫލިންގައި ބުނެފައި ވަނީ ޖުޑީޝަލް ކައުންސިލްގެ މަސްއޫލިއްޔަތާއި މެންޑޭޓް ބަޔާންކޮށްފައި ވަނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ކުރިމަތިކޮށްފާނެ ބިރަކަށް ނުވަތަ ފިއްތުމަކަށް ވިޔަސް ޖެހިލުމެއް ނެތި މިނިވަންކަމާއެކު ދުސްތޫރީ ވާޖިބުތައް އަދާ ކުރުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ނައްސުތަކާ ހިލާފަށް ކަމަށެވެ.

ޖުޑީޝަލް ކައުންސިލް އެކުލަވާލައި އެ ކައުންސިލުގެ ބާރު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މާއްދާއަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ. އާއި 143 ވަނަ މާއްދާގެ ނ. އާއި ރ. އާ ތައާރަޒްވާ މާއްދާތަކެއް ކަމަށް ވެސް ރޫލިންގައި ވެއެވެ.

"ކޯޓުތަކުގެ ގާނޫނުގެ 81 ވަނަ މާއްދާ އާއި 82 ވަނަ މާއްދާ އާއި 83 ވަނަ މާއްދާ އާއި 84 ވަނަ މާއްދާ އާއި 85 ވަނަ މާއްދާ އާއި 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާ އާއި 88 ވަނަ މާއްދާ އާއި 89 ވަނަ މާއްދާ އާއި އެ ގާނޫނުގެ އިސްވެ ބުނެވުނު 81 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޖުޑީޝަލް ކައުންސިލަކީ ބާތިލް ކައުންސިލެއް،" އެ ރޫލިންގައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަކީ ރޫލިންއެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޑިސެމްބަރު 2، 2008 ފެށިގެން ހިނގަމުންދާ ތަނެއް ކަމަށެވެ. އަދި އެފަދައިން އެ ޑިޕާޓްމަންޓް ހިނގަމުންދަނިކޮށް ކޯޓުތަކުގެ ގާނޫނުގެ ނުވަ ވަނަ ބާބުގައި އެ ޑިޕާޓްމަންޓާ ބެހޭ ބައި އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ރޫލިންއާ ހިލާފަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށް އެ ރޫލިންގައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ރޫލިންއާ ހިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ބެހޭ ބައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި އަކުލަވާލާފައިވާ ގޮތާއި އެ އިދާރާގެ މެންޑޭޓް އެކަށައަޅާފައިވާ އެކަށައެޅުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އޭގެ ޒާތުގައި ވެސް ބާތިލް އެކަށައެޅުމެއް،" އެ ރޫލިންގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ރޫލިންގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ ރޫލިންއާ ހިލާފަށް ޑިޕާޓްމަންޓުގެ ދައުރާއި އެ އިދާރާގެ މެންޑޭޓް ބަޔާންކޮށްފައިވާ ކޯޓުތަކުގެ ގާނޫނުގެ 90 ވަނަ މާއްދާ އާއި 91 ވަނަ މާއްދާ އާއި 92 ވަނަ މާއްދާ އާއި 93 ވަނަ މާއްދާ އާއި 94 ވަނަ މާއްދާ ގާނޫނީ ގޮތުން ތަންފީޒުވުމުގެ ބާރު ލިބިގެންނުވާ އޭގެ ޒާތުގައި ވެސް ބާތިލް މާއްދާތަކެއް ކަމަށް ކަނޑައެޅީ ކަމަށެވެ. އަދި އެއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ ސުޕްރީމް ކޯޓުން މީގެ ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ވެސް އެ ރޫލިންގައިވެ އެވެ.