27 Aug 2015, 09:35
ވަގުތުން އިންޓަވިއު އެއް ގެނެސްދެމުން ދިޔަ ދެ ނޫސްވެރިޔަކަށް ބަޑިން ހަމަލާދީ މަރާލި މީހާ އަމިއްލަ ބޮލަށް ބަޑި ޖަހާ މަރުވެއްޖެ އެވެ.
"ސީއެންއެން" އިން ބުނި ގޮތުގައި އިއްޔެ ދެ ނޫސްވެރިން މަރާލުމަށް ފަހު އޭނާ އަމިއްލަ އަށް މަރުވުމުގެ ކުރިން "އޭބީސީ ނިއުސް" އަށް ވަނީ ފެކްސް އެއް ފޮނުވައިފަ އެވެ. ފެކްސްގައި ބުނެފައި ވަނީ، "އަހަރެންނަކީ ނުރައްކާތެރި އެއްޗެއްގޮތުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. ހަމަ ގޮވަންދެން މަޑުކޮށްގެން މިހުންނަނީ،" މިހެންނެވެ.
ވަޖިނިއާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ޑަބްލިއުޑީބީޖޭ 7 ޓީވީގެ 24 އަހަރުގެ ރިޕޯޓަރު އެލިސަން ޕާކާ އާއި 27 އަހަރުގެ ކެމެރާމަން އެޑަމް ވާޑް އިއްޔެ މަރާލާފައި ވަނީ އެސްްޓޭޝަންގެ ކުރީގެ ރިޕޯޓަރެއް ކަމަށްވާ ބްރައިސް ވިލިއަމްސް އެވެ.
އޮތޯރިޓީތަކުން ބުނާ ގޮތުގައި ވިލިއަމްސް އޭބީސީ އަށް ފޮނުވި މެއިލް އަކީ އެމީހާ އެ ނޫސްވެރިން މަރާލަން މެދުވެރިވި ސަބަބު އެންގުމަށް މުހިއްމު މައުލޫމާތުކޮޅެއް ކަމަށެވެ.
ފްރެންކްލިން ކައުންޓީގެ ޝެރިފް ބިލް އޮވަޓަން ވިދާޅުވީ ވިލިއަމްސް އެ ނޫސްވެރިން މަރާލުމަށް މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ ސްޓޭޝަނުގައި މަސައްކަތް ކުރި ކަމުގެ ރެކޯޑުތައް މިހާރު ބަލަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއެންއެން އިން ބުނީ ބްރައިސް ވިލިއަމްސް އެ ދެ މީހުންނަށް އަމާޒުކޮށް ހަ ފަހަރު ނުވަތަ ހަތް ފަހަރު ބަޑި ޖަހާފައިވާ ކަމަށް އެ ސްޓޭޝަންގެ މެނޭޖަރު ބުނާ ކަމަށެވެ.