ކަނޑުގެ އޮއި ހިނގާ ގޮތް ބެލުމަށް މީގެ އެއް ގަރުނު ކުރިން އިންގިރޭސި ސައިންޓިސްޓް، ޖޯޖް ޕާކާ ބިޑާ ކަނޑަށް 1020 ފުޅި ދޫކޮށްލި އެވެ.

ނަވާރަސަތޭކަ ހަތަރު ވަނަ އަހަރާއި 1906 ވަނަ އަހަރާ ދެމެދު ކަނޑަށް އެޅި އެ ފުޅިތަކުގެ ތެރެއިން ފުޅިއެއް ޖަރުމަނު ގޮނޑުދަށަށް ވަނީ ލައްގައިފަ އެވެ. އަދި އެއީ އެ ގޮތަށް ފުޅީގައި ކަނޑަށް ދޫކޮށްފައިވާ މެސެޖުތަކުގެ ތެރެއިން އެންމެ ދުވަސްވީ ލިއުމަށް ވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ފުޅި ހޮވި ޖަރުމަނުގެ އަންހެންމީހާ ވަނީ އެ ފުޅި ނެގުމަށް ފަހު އެއޭގައި އިރުޝާދުދީފައިވާ ގޮތަށް ފުޅި އިނގިރޭސިވިލާތުގެ މެރައިން ބައިލޮޖިކަލް އެސޯސިއޭޝަނަށް ފޮނުވައިފަ އެވެ.

އިނގިރޭސި ވިލާތުގެ އެ ގްރޫޕަށް އެ ފުޅީގައި އޮތް ސިޓީ އުރަ ލިބުމުން ވަނީ ހައިރާންވެފަ އެވެ. ނަމަވެސް ޕޯސްޓްކާޑްގައިވާ ނަމަކީ އެ މީހުންނަށް ހައިރާނަކަށްނުވި އެވެ. އެއީ ، ޖޯޖް ޕާކާ ބިޑާ އަކީ އެ އެސޯސިއޭޝަންގެ އޭރުގެ ރައީސް ކަމަށްވާތީ އެވެ.

ތާރީހަށް ފީނައި ބެލުމުން އެމީހުންނަށް އެނގުނީ އެއީ ކަނޑުގެ އޮއި ހިނގާ ގޮތް ބެލުމަށް 20 ވަނަ ގަރުނުގައި ނޯތު ސީ އަށް ދޫކޮށްލި ފުޅިތަކުގެ ތެރެއިން ފުޅިއެއް ކަމެވެ.

ބިޑާ ކަނޑަށް ދޫކުރި ފުޅިތަކުގެ ތެރެއިން ވަރަށް ގިނަ ފުޅި މަސްވެރިން ކުރިން ވަނީ ހޮވައިފަ އެވެ. ނަމަވެސް އަދި ވެސް 400 ވަރަކަށް ފުޅި ނުފެނިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"އަހަރުންނަށް ހީވަނީ މިހާރު ދެން އެފުޅިތައް ވާނީ ކުރިން އެގޮތް މިގޮތް ވެ ގެއްލިފައި ކަމަށް، އެކަމަކު އަދި ވެސް އޭގެ ތެރެއިން ފުޅިއެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް، ނަމަވެސް އެއީ ވަރަށް ނާދިރު ކަމެއް،" އެ ޖަމާއަތުން ބުންޏެވެ.

ފުޅިތަކުގައިވާ ޕޯސްޓްކާޑްތަކުގައި ލިޔެފައި ވަނީ އިނގިރޭސި ބަހުންނާއި ޑަޗު ބަހުންނާއި ޖަރުމަނު ބަހުންނެވެ. އަދި އެ ކާޑްތަކުގައި ބުނެފައި ވަނީ އެއިން ފުޅިއެއް ފެނުނު މީހަކު އެ ފެނުނު ތަނަކާއި ކޮން އިރެއްކަން ބަޔާންކޮށް އެ އެސޯސިއޭޝަނަށް ހުށަހަޅައި ދިނުމަށް އެދިފަ އެވެ.

ކަނޑަށް ދޫކޮށްފައިވާ މެސެޖުތަކުގެ ތެރެއިން އެންމެ ދުވަސްވީ ލިއުމެއް ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައި ވަނީ 99 އަހަރުގެ މެސެޖެކާއި 43 އަހަރުގެ މެސެޖެކެވެ. ޖޯޖް ޕާކާ ބިޑާގެ މެސެޖަކީ ރަނގަޅު މެސެޖެއް ނަމަ އެ ވާނީ އެންމެ ދުވަސްވީ އެފަދަ މެސެޖަށެވެ. -- މައުލޫމާތު ސީއެންއެން