މަސްމާރުކޭޓާއި ދިމާލުން މާލޭގެ ފަޅުތެރެއަށް، މަސްވެރިކަން ކުރާ 48 ފޫޓްގެ މުރަނގަ 2 ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

އެ ދޯންޏަކީ ނ. ލަންދޫ މީހެއްގެ ދޯންޏެއްކަމަށް 'ސަން' އަށް ވަނީ އެނގިފަ އެވެ.

'ސަން' އާ ވާހަކަ ދައްކަމުން އެ ދޯނީގެ ކެޔޮޅު މުހައްމަދު ރަޝީދު، ބުނީ ދޯނި އަޑިއަށް ގޮސްފައި ވަނީ ޕަމްޕްގެ ހޮޅިއެއް ލުއްސައިގެން ގޮސްގެން ޕަމްޕް މަސައްކަތްނުކުރުމުގެ ސަބަބުން ކަމަށެވެ.

އެ ދޯނީގެ ގެގަނޑު މަތީގައި ތިން ފަޅުވެރިން ރޭގައި ނިދަން ތިބި ކަމަށާއި އެ މީހުންނަށް ދޯނި އަޑިއަށްދާކަން ދަންވަރު 3:05 އެހާކަންހާއިރު އެގުމުން ކެޔޮޅަށް ގުޅި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ކުދިންނަށް ހޭލެވުނު އިރު ދޯނީގެ ދެބައިކުޅަ އެއްބައި އޮތީ އަޑިއަށް ގޮސްފައި،" ކެޔޮޅު ބުންޏެވެ.

އަޑިއަށް ދިޔަ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު

އެވަގުތު ކެޔޮޅު އެތަނަށް ދިޔަ ކަމަށާއި އޭރު ވެސް އެ ތިން ފަޅުވެރިން ދޯނި ފުންކުރެވޭތޯ މަސައްކަތްކުރަމުން ދިޔަ ކަމަށް ކެޔޮޅު ބުންޏެވެ. އެހެންނަމަވެސް ދޯނި ފުންނުކުރެވި މުޅި ދޯނި އަޑިއަށް ދިޔައީ ކަމަށް ކެޔޮޅު ބުންޏެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. ވަރަށް ބައިވަރު މުދަލާއި އެއްޗެހި ހުންނާނެ ނޫންތޯ. ޖީޕީއެސް އާއި އެއްޗެހި. ވަރަށް އަގުބޮޑެތި އެއްޗެހި." ކެޔޮޅު ބުންޏެވެ.

އެ ދޯނި ފުން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކެޔޮޅު ބުންޏެވެ.