27 Aug 2015, 00:08
ދިރާގުގެ މޯބައިލް ބްރޯޑް ބޭންޑްގެ ބައެއް ޕެކޭޖްތަކުގެ އެލަވަންސް ބޮޑުކޮށް ބައެއް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވެއްޖެ އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ޕްރެސްކޮންފަރެންސްގައި އިމްޖާދު ވިދާޅުވީ މޯބައިލް ބްރޯޑް ބޭންޑް ހިދުމަތަށް ޖުމްލަކޮށް 40 ޕަސެންޓްގެ ވެލިއު އެއް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
'ޖީބަށް ލުއި' ގޮތަކަށް މޯބައިލް ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް ބަދަލުކޮށްފައިވާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
"ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕެކޭޖްތައް ކުރިއަށް ވުރެން އެލަވަންސް ވަނީ ބޮޑުކުރެވިފައި. އަދި އޭގެ އިތުރުން ކަސްޓަމަރުން އާއްމުކޮށް އެންމެ ބޮޑަށް ބޭނުންކުރައްވާ ޕްލޭންތައް މިވަނީ ދެވެމުންދާ އެލަވަންސް އިތުރުކުރެވި އަގުތަކަށް ވެސް ހެޔޮ ބަދަލުގެނެވިފައި،" އިމްޖާދު ވިދާޅުވި އެވެ.
އިންޓަނެޓް ޕްލޭންތަކަށް ބަދަލުތައް ގެންނަނީ، ކަސްޓަމަރުން އެންމެ ގިނައިން ބޭނުންކުރާ ޕްލޭންތަކަށް ބަލައިގެން ކަމަށް އެ ކުންފުނީގެ މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވި އެވެ.
"މި ގެނެވުނު ހެޔޮ ބަދަލުތަކާއި އެކީ ޕްރިޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރެވޭ ޑޭޓާގެ ނިސްބަތް ދަންނަވާލާ ކަމަށްވަންޏާ އެންމެ ކުޑަވެގެން 25 އެމްބީ އިން ފެށިގެން 100 ޖީބީ އާއި ހަމައަށް ބޭނުންކުުރުމުގެ ފުރުސަތު މިހާރު އޮތީ ދިރާގުން،" އިޝާން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް މޯބައިލް ބްރޯޑް ބޭންޑް އިންޓަނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލު އަންނާނެ ކަަމަށް އިޝާން ވިދާޅުވި އެވެ.
ދިރާގު މޯބައިލް ބްރޯޑް ބޭންޑްގެ ހިދުމަތް ތިން ބަޔަކަށް ބަހާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެ ތިން ބަޔަކީ ޕަވާ ޕްލޭން، ޕަވާ ޕްލަސް ޕްލޭން، ޕަވާ އެކްސްޓްރާ ޕްލޭން ކަމަށް އިމްޖާދު ވިދާޅުވި އެވެ.