ރާއްޖޭގެ ލާމަރުކަޒީ ނިޒާމް، ފަހަތައް އެނބުރި ބެލުމެއް ނެތި ދަނީ ކުރިއަށް ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭއަށް ފަސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގ ގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ފަހަތައް އެނބުރި ބެލުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އުމަރު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ލާމަރުކަޒީ ނިޒާމް ދަތުރުކުރީ އެންމެ ފައްކާ ކަނޑެއްގައެއް ނޫން ކަމަށެވެ. ހަމައެއް ލަމައެއް ނެތި ލާމަރުކަޒީ ނިޒާމް ދަނިކޮށް ސިޔާސީ ބޮޑު ހަލަބޮލި ކަމެއްގެ ތެރެއަށް ލާމަރުކަޒީ ނިޒާމަށް ޖެހުނީ ވަންނަން ކަމަށް ވެސް އެލްޖީއޭގެ ރައީސް ވިދާޅުވިއެވެ.

އެލްޖީއޭއަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އަޅުގަނޑު ދެކޭގޮތުގައި އަދި އިތުރު ފަސް އަހަރު ބޭނުންވާނެ މީތި އެންމެ ފުރިހަމަގޮތުގައި ހިނގައިގަނެ ރަނގަޅަށް މި ސިސްޓަމް ގާއިމްވާން،" އުމަރު ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ނިޒާމެއް ވެސް ރަނގަޅަށް ހިނގައިގަންނަން 10 ވަރަކަށް އަހަރު ބޭނުންވާ ކަމަށް ވެސް އެލްޖީއޭގެ ރައީސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމް އޮތީ އަނބުރާ ދާގޮތަކަށް ނޫން ކަމަށާއި އަދުގެ ސަރުކާރުން ވެސް އަދި ދެން އަންނަ ސަރުކާރަކުން ވެސް މިނިޒާމް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ނިޒާމް ގެންދާނީ ކުރިއަށް. މި ނިޒާމް ފައްކާވަމުން ދާނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ކޮންމެ ބަޔަކު ވެރިކަން ހިންގިޔަސް. އެބައެއްގެ ސިޔާސަތުތައް ދިމާވާގޮތަށް މި ނިޒާމް ދާނީ ބައްޓަން ކުރަމުން،" އުމަރު ވިދާޅުވި އެވެ.

އެލްޖީއޭގެ ރައީސް އުމަރު ނަސީރާއި ނައިބު ރައީސް މޫސާ ނަސީރު އަހްމަދުގެ އިތުރުން ބޯޑު މެމްބަރުންނާއި މުވައްޒަފުން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އުމަރުގެ ވާހަކަފުޅުގައި އެލްޖީއޭގެ ބޯޑަކީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާ އެކު ވެސް މަސައްކަތް ކުރައްވާ މެމްބަރުން ތިއްބެވި ބޯޑެއް ކަމުގައި ފާހަގަ ކުރައްވައި އެކަމަށްޓަކައި ބޯޑުގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދެންނެވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ އެލްޖީއޭ އިން ކޮންމެ ހަތަރު މަހަކުން އެއްމަހު ނެރޭ "ކަންގަތި" މަޖައްލާ ނެރެފައެވެ. އެ މަޖައްލާ ނެރެދެއްވީ އެލްޖީއޭގެ ނައިބު ރައީސް އަދި މ. އަތޮޅު ކައުންސިލްގެ މެމްބަރު މޫސާ ނަސީރު އަހްމަދެވެ.

ކޮންމެ ހަތަރު މަހަކުން އެއްމަހު އެލްޖީއޭ އިން ނެރޭ "ކަންގަތި" މަޖައްލާ އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދު ނެރެދެއްވަނީ --- ސަން ފޮޓޯ : ޔޫސުފް ސޮފްވާން

އެ މަޖައްލާއަކީ އެލްޖީއޭ އާއި ކައުންސިލްތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ މަޖައްލާއެކެވެ.

މިރޭގެ ޖަލްސާގައި ވަނީ އެލްޖީއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކެއް ވެސް ފަޅާފައެވެ. ކޭކުފަޅުއްވާފައި ވަނީ އެލްޖީއޭގެ ރައީސާއި ބޯޑު މެމްބަރުންގެ އިތުރުން ކުރީގެ ބޯޑު މެމްބަރުންނެވެ.

އެލްޖީއޭއަށް ފަަސް އަހަރު ފުރުމުގެ ގޮތުން ކޭކެއް ފަޅަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މީގެއިތުރުން އެލްޖީއޭގެ މުވައްޒަފުންގެ ތެރެއިން ގަޑިނުޖެހި އޮފީހަށް ހާޒިރުވި މުވައްޒަފުންނާއި ސަލާމް ނުބުނާ މުވައްޒަފުންނާއި ތިން ދުވަހަށް ވުރެ މަދުން ސަލާމް ނެގި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. ހަނދާނީލިޔުންތައް ހަވާލުކޮށްދެއްވީ އެލްޖީއޭގެ ރައީސް އުމަރު ނަސީރެވެ.

އެލްޖީއޭގެ މުވައްޒަފަކަށް އެ އޮތޯރިޓީގެ ރައީސް އުމަރު ނަސީރު ސެޓްފިކެޓު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން