ވޮޝިންގޓަން : އެމެރިކާގެ ޚާރިޖިއްޔާގެ އިސް ތަރްޖަމާން ފިލިޕް ކްރަވްލީ ކުއްލިގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާދެއްވީ އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތައް ވިކިލިކްސް ވެބްސައިޓަށް ސިއްރިޔާތުގައި ފޯރުކޮށްދިންކަމުގެ ތުހުމަތުގައި ޖަލަށް ލެވިފައިވާ އެެމެރިކާ ސިފައިންގެ މީހާއާމެދު އެމެރިކާގެ ދިފާޢީ ވުޒާރާއިން މުޢާމަލާތް ކުރަމުންގެންދާ ހަރުކަށި ގޮތްތަކަށް ފާޑުވިދާޅުވިތާ ހައެއްކަ ދުވަސްފަހުންނެވެ.

މުރާސިލުން ބުނާގޮތުގައި ކްރާވްލީ އިސްތިއުފާދެއްވީ އެެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގެ ހަރުކަށި ޢަމަލުތަކަށް ފާޅުގައި ފާޑުވިދާޅުވުމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ތެރެއިން އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ވަރުގަދަ ފިއްތުންތަކެއްގެ ސަބަބުންނެވެ.

ކްރާވްލީއަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ޕަބްލިކް އެފެއާޒް ގެ ކަންތައްތަކާބެހޭ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ އެވުޒާރާގެ އިސް ތަރްޖަމާންވެސް މެއެވެ.

ކްރާވްލީ ވިދާޅުވިގޮތުގައި އެމެރިކާގެ ސިއްރު ލިޔުންތައް ވިކިލިކްސް އަށް ފޯރުކޮށްދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެެމެރިކާ ސިފައިންގެ މީހާ މާނީންގް އާމެދު ކަންތައްތައް ކުރަމުންގެންދާ ހަރުކަށި ގޮތްތަކާބެހޭގޮތުން ޕެންޓަގަންއަށް އޭނާ ފާޑުވިދާޅުވީ އަމިއްލަ ގޮތުންނެވެ. ރަސްމީ ސިފައެއްގައެއްނޫނެވެ.
ޕެންޓަގަންއަށް އޭނާ ފާޑުވިދާޅުވީ މަސާޗޫޗެޓްސް ގެ ޓެކްނިކަލް އިންސްޓިޓިއުޓްގައި ބަޔަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައެއްގައެވެ. މަޤާމުން އިސްތިއުފާދެއްވީ ޕެންޓަގަންއާބެހޭ ގޮތުން ދެއްވި ބަޔާނާގުޅިގެން ކަމަށް ކްރާވްލީ ވިދާޅުވިނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ކްރަވްލީގެ އިސްތިއުފާއާބެހޭގޮތުން ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ކްރާވްލީއަކީ އިޚްލާސްތެރިކަމާއެކު ޤައުމަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އޭނާގެ އިސްތިއުފާ ޤަބޫލު ކުރެއްވީ ވަރަށް ދެރަފުޅުވެ ހުންނަވައިގެން ކަމުގައެވެ.

ޕެންޓަގަންއަށް ފާޑުވިދާޅުވެ ކްރަވްލީ ވާހަކަ ދެއްކެވީ އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ އެޖެންސީތަކުން ކުރިޔަށްގެންދާ އަޑިނޭންގޭ ސިއްރު ޙަރަކާތްތަކަކީ އެމެރިކާގެ ޑިމޮކްރަސީ ބިނާވެފައިވާ ވެލިޔުތަކާ މުޅިން ޚިލާފަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކެއް ކަމަށްވާތީ މިކަމަށް އަލިއަޅުވާލުމުގެ ބޭނުމުގައި ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.

ވިކިލީކްސްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މީހާ މާނީންގް އަކީ ޢުމުރުން 23 އަހަރުގެ ޒުވާނެކެވެ. ވަރޖީނިޔާގެ ޢަސްކަރީ ޖަލެއްގައި ހައްޔަރު ކުރެވިފައިވާ މާނީންގާ މެދު ޕެންޓަގަންއިން ވަރަށް އިހާނާތްތެރިކޮށް ކަންތައްތައް ކުރަމުންގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ. -- ނޫސްއެޖެންސީތައް