26 Aug 2015, 23:45
ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމައިފި އެވެ.
ކޮމެޓީން އެގޮތަށް ނިންމީ ކަމާ ގުޅުންހުރި މުއައްސަސާގެ އިސްވެރިން ވެސް ކޮމެޓީއަށް ހާޒިރުކޮށް އެބޭފުޅުން ކޮމެޓީއަށް ދެއްވި ހިޔާލުތަކުގެ މައްޗަށާއި ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ހުށަހަޅުއްވާފައިވާ ހިޔާލުތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހެޅުއްވި އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމެވީ އެވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
މޫސަ އެ ގޮތަސް އިސްލާހު ހުށަހެޅުއްވިއިރު ރިޔާސީ ޕްރައިމަރީތައް ހޮވުމުގައި އެކި ޕާޓީތަކުން ގެންގުޅޭ އުސޫލު ތަފާތެވެ. ވެރިކަންކުރާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.