ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ރަހުނެއްނެތި 500000 ރުފިޔާ ނެގޭ ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

ސަލްސާ ރޯޔަލްގައި މިރޭ އެ ލޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެ ލޯނަކީ ވިޔަފާރިވެރިންނަށް ނަގަން ވަަރަށް ފަސޭހަގޮތަކަށް ފަރުމާކޮށްފައިވާ ލޯނެއް ކަަމަށެވެ. އެގޮތުން ލޯނަށް އެދި ހުށަހަޅާތާ ދިހަ ދުވަސްތެރޭ ލޯން ހަމަޖެހޭނެ އޭނާ ވިދާޅުވިއެވެ.

" މި ލޯނުގެ ސަބަބުން ގައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގު ފަހިވެގެންދާނެ،" އެންޑްރޫ ވިދާޅުވިއެވެ.

އެ ލޯނަށް އެދި ހުށަހެޅޭނީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް މަހެއްގެ މައްޗަށް އެވެރެޖްކޮށް 50000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ފަރާތްތަކަށް ކަމަށް ބޭންކުން ބުނެއެވެ. އެފަރާތްތަކަށް ލޯނުގެ ގޮތުގައި މަހެއްގެ މައްޗަށް އެވެރެޖްކޮށް ކޮށްފައިވާ ވިޔަފާރީގެ ފަސް ގުނައާއި ހަމައަށް ލޯނަށް އެދެވޭނެ ކަަމަށް ބީއެމްއެލް އިން ބުނެއެވެ. 500000 ރުފިޔާގެ ލޯނަކަށް އިންޓްރެސްޓް ގޮތުގައި ދައްކަންޖެހޭނީ 12 ޕަސެންޓެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ ހަތަރު އަހަރުންނެވެ. ލޯނަށް އެދޭ ފަރާތުގެ ފިހާރައިގެ މުދާ ހުންނަށް ޖެހޭނީ އިންޝުއާކޮށްފައި ކަމަށް ބީއެމްއިލް ބުނެއެވެ. އަދި އެ އިންޝުއަރެންސް ބީއެމްއެލް މެދުވެރިކޮށް ނެގިދާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ރީޓެއިލް ވިޔަފާރިތަަކަށް ޚާއްސަ ލޯން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

ރީޓެއިލް ވިޔަފާރިތަކުން ބޭނުންނަމަ 500000 ރުފިޔާ އަށް ވުރެ އިތުރަށް ވެސް ލޯނި ނެގިދާނެ ކަަމަށާއި އެހެންނަމަވެސް ރަހުނެއް ބަހައްޓަން ޖެހޭ ކަަމަށް ބޭންކުން ބުނެއެވެ.

ލޯނުގެ ބަދަލުގައި އޯވަޑްރާފްޓް ވެސް ނެގިދާނެ ކަމަށް ބޭންކުން ބުނެއެވެ. އޯވަޑްރާފްޓް ނަގާނަމަ އެއް އަހަރު ތެރޭ އެނަގާ އަދަދެއް ދައްކަންޖެހޭނެ ކަަމަށް ބީއެމްއެލް އިން ބުނެއެވެ.

ލޯނު ތައާރަފްކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުން ބައިވެރިވިއެވެ. މާދަމާ އިން ފެށިގެން އެ ލޯނަށް ހުށަހެޅޭޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.