ރައީސް ޔާމީންގެ ސަރުކާރާ އެކު ރަސްމީ ކޯލިޝަން އެއްބަސްވުމެއްގައި އޮތް ހަމައެކަނި ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ސަރުކާރު ހިންގާ ޕީޕީއެމްއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށް އެމްޑީއޭ އިން ބުނެފި އެވެ.

އެމްޑީއޭ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުން އަންނަ ޕީޕީއެމްއާ އެމްޑީއޭއާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ބައެއް މީޑިއާތަކުގައި ދައްކަމުން އަންނަނީ ދޮގު ވާހަކައެއް ކަމަށެވެ.

މިރޭ އެމްޑީއޭ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނިކޮށް ކޯލިޝަންގެ މެންބަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ޒާތުގެ ވާހަކަ ދައްކަމުންދާތީ އަޅުގަނޑުމެން ކަނޑައެޅިގެން އެކަން ދޮގުކުރަން. އަޅުގަނޑުމެންނާ [އެމްޑީއޭ] ޕީޕީއެމްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ، އެމްޑީއޭއަށް މެންބަރުން އިތުރުކުރަމުން ދަނީ ޕީޕީއެމްގެ މެންބަރުންނަށް އިތުރު އެއްޗެހިތަކެއް ވިސްނައިދީގެން ނޫންކަމަށާއި އެގޮތަށް އެކަން ކުރާނެ އެއްވެސް ބޭފުޅެއް އެމްޑީއޭގައި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް މެންބަރަކު ޕީޕީއެމްގެ ސޯޝަލް މީޑިއާއެއްގައި ނުވަތަ ޕީޕީއެމްގެ ވައިބާ ގްރޫޕަކުން ބޭރުކޮށްފައެއް ނުވޭ. އަދި އެކަހަލަ އެއްވެސް ކަމެއްގެ އެއްވެސް އިޝާރާތެއް އެއްވެސް ދިމާލަކުން އަޅުގަނޑުމެންނަށް އައިސްފައެއް ވެސް ނެތް،" އާމިރު ވިދާޅުވި އެވެ.

މިރޭ އެމްޑީއޭ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީއޭ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ، މިއަދާހަމައަށް އައިއިރު އެ ދެޕާޓީގެ ލީޑާޝިޕްގައި އެއްވެސް މައްސަލައެއް ޖެހިފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީގެ ލީޑަރު އޮނަރަބަލް އަހުމަދު ސިޔާމް އާއި މިއަދުގެ ރައީސް އޮނަރަބަލް އަބްދުﷲ ޔާމީން އަކީ ވަރަށް ގާތް ދެބޭފުޅުން. އަޅުގަނޑުމެން ދެޕާޓީން މިއަދު އަމާޒު ހިފާފައި މިހުރީ 2018 ގައި ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށްޓަކައި. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން،" މައުރޫފު ވިދާޅުވި އެވެ.