26 Aug 2015, 21:41
ގއ. ކޮލަމާފުށީ ކައުންސިލްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ރިފްޝާން ޒުހުރީއާއި އެރަށުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅިއްޖެ އެވެ.
ކޮލަމާފުށިން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅުނު މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ. އެ ރަސްމިއްޔާތުގައި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން ވެސް ބައިވެރިވެވަޑައިގަތެވެ.

ގއ. ކޮލަމާފުށި ކައުންސިލްގެ މެންބަރު ރިފްޝާން ޒުހުރީ މެޑަމް ފާތުންއާ މެމްބަރޝިޕް ފޯމް ހަވާލުކުރައްވަނީ. އަރިހުގައި ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން -- ސަން ފޮޓޯ: ޝުއާއުﷲ
މީގެ ކުރިން ކޮލަމާފުށި ކައުންސިލްގައި ތިބީ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންނާއި ޕީޕީއެމަށް ނިސްބަތްވާ މެންބަރެކެވެ. އެހެންނަމަވެސް ރިފްޝާން ޒުހުރީ މިއަދު ޕީޕީއެމްއާ ގުޅުމުން މިހާރު އެ ކައުންސިލްގައި ތިބޭނީ އެމްޑީޕީގެ ތިން މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނެވެ.
ކޮލަމާފުށީގައި އެމްޑީޕީން މީގެކުރިން ހިންގި ތަފާތު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ފާހަގަކޮށްލެވޭ ރިފްޝާން ޒުހުރީ މިރޭ ސަންއަށް ވިދާޅުވީ، އޭނާ ޕީޕީއެމްއާ ގުޅުނީ، ރަށުގެ ރައްޔިތުންނާއި ޒުވާނުންނަށް ކަންތައްތަކެއް ކޮށްދެވެންއޮތީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުން ކަމުގައި ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާތީ ކަމަށެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު. އެކަމަކު ރައީސް ނަޝީދުގެ ސަރުކާރުން އަޅުގަނޑުމެންނަށް ކޮށްދޭން ވައުދުވެ ކޮށް ނުދީ ހުރި އެތައް ކަމެއް. މިސަރުކާރުން އަޅުގަނޑުމެންނަށް މިހާރު ވެސް ފުރިހަމަކޮށްދީފި،" ރިފްޝާން ވިދާޅުވި އެވެ.

ގއ. ކޮލަމާފުށިން މިއަދު ޕީޕީއެމްއާ ގުޅުނު ބައެއް މެންބަރުންނާއެކު މެޑަމް ފާތުން އާއި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން -- ސަން ފޮޓޯ: ޝުއާއުﷲ
ރިފްޝާނުގެ އިތުރުން މިއަދު ކޮލަމާފުށިން 30 ޒުވާނަކު ޕީޕީއެމްއާ ގުޅިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 29 މެންބަރަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ.
ރިފްޝާން ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރުގެ ފަރާތުން ކޮލަމާފުއްޓަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
"މި ސަރުކާރު އައިފަހުން އަޅުގަނޑުމެންގެ ރަށުގެ ސިއްހީ ނިޒާމް ވެސް މިވަނީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވަރަށް ރަނގަޅު ފެންވަރަކަށް ގެނެވިފައި. ޔޫތު ސެންޓަރެއް ގާއިމްކުރެވިއްޖެ. އައިސް ޕްލާންޓް އަދި ފުޓްސަލް ދަނޑުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ،" ކޮލަމާފުށީ ގިނަ ޒުވާނުންތަކެއް ޕީޕީއެމާ ގުޅެމުން އަންނަ މައިގަނޑު ސަބަބު އޮޅުންފިލުވައި ދެއްވަމުން ރިފްޝާން ވިދާޅުވި އެވެ.
އެމްޑީޕީ ދޫކޮށް މިއަދު ބ. ކައުންސިލްގެ މެންބަރަކު ވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. ބާރަށު ކައުންސިލުން ޕީޕީއެމްއަށް ސޮއިކުރެއްވީ އެ ކައުންސިލްގެ މެންބަރު އަބްދުﷲ ޒުނައިން އެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާމް އާއި ހއ. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ބައިވެރިވެވަޑައިގަތެވެ.

ހއ. ބާރަށު ކައުންސިލްގެ މެންބަރު އަބްދުﷲ ޒުނައިން މެޑަމް ފާތުންއާ މެމްބަރޝިޕް ފޯމް ހަވާލުކުރައްވަނީ. އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު -- ސަން ފޮޓޯ: ޝުއާއުﷲ
މީގެ ކުރިން އެމްޑިޕީއަށް މެޖޯރިޓީއޮތް ބާރަށު ކައުންސިލުން ޒުނައިން ޕީޕީއެމްއާ ގުޅިވަޑައިގަތުމުން މިހާރު އެ ކައުންސިލްގައި ތިއްބަވާނީ ޕީޕީއެމްގެ ތިން މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.