މާލެ އިންޓަނޭޝަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ހަމަޖައްސައިފައިވާ 25 ޑޮލަރުގެ ޗާޖަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ ނެގޭނެ ޗާޖެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ވޯޓު ދެއްވާނެކަން ރިޔާސީ ބަޔާނަށް ޖަވާބުދެއްވާ އިރު އިއުލާންކޮށްދެއްވުމަށް އެދިވަޑައިގެން، މަޖިލީހުގެ މެމްބަރުންތަކެއް މަޖޯރިޓީ ލީޑަރު އަހްމަދު ތަސްމީން އަލީ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ސޮއިކުރައްވައި ތަސްމީނަށް ފޮނުއްވާފައިވާ އެ ސިޓީގައި އެ މެމްބަރުން ވަނީ، ތަސްމީނު ރިޔާސީ ބަޔާނަށް ޖަވާބުދެއްވާ އިރު "ވަރަށް ސާފުބަހުން، ސާދާކޮށް" ހަތަރު ކަމެއް ހިމަނައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނަނީ، ޖީއެމްއާރުން އޮޕަރޭޓްކުރަމުން އަންނަ މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ޖެނުއަރީ 12، 2012 އިން ފެށިގެން ނެގުމަށް ހަމަޖައްސައިފައިވާ "އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ، ވެރިކަން ހިންގާ ފަރާތުން ނެގޭނެ އެއްޗެއް ނޫން ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 97 ވަނަ މާއްދާގެ )ށ(ގައި ބަޔާންކޮށްފައިވާ" ކަމަށެވެ.

އަދި އެޗާޖު ނެގުމަށް މަޖިލީހަށް ބިލު ހުށަހެޅުމުން އެ ބިލާ ދެކޮޅަށް ޑީއާރްޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީން ވޯޓުދޭނެކަން "ވަރަށް ސާފު އިބާރާތުން އިއުލާންކޮށްދިނުމަށް" އެދިވަޑައިގެންފައި ވެ އެވެ.
އަދި ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނީ މަޖިލީހުގެ އަމިއްލަ މެމްބަރުންގެ ވެސް ރުހުމާ ކަނޑައެޅިގެން ދެކޮޅަށް ކަމަށް ބަޔާންކޮށްދިނުމަށް ވެސް އެ ސިޓީގައި ވަނީ އެ މެމްބަރުން ވިދާޅުވެފަ އެވެ.

ތިން ވަނަ ނުކުތާއެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެމްއެންޑީއެފުން ހިފެހެއްޓި މައްސަލަ އެވެ. އެގޮތުން އިންތިގާލީ މަރުހަލާ ފުރިހަމަ ކުރުމަށް އޮތް ދެ އަހަރުގެ މުއްދަތު އޮގަސްޓް 7، 2010 ގައި ހަމަވުމާ އެކު ސަރުކާރުން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފަހައްޓައި ގައުމީ ދިފާއީ ބާރުގެ ދަށަށް އެކޯޓް ގެންގޮސް އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް މުއައްސަސާގެ މައްޗަށް ސިފައިންގެ ބާރު ނެރެ، އަދުލް އިންސާފު ހިންގުމުގެ ކަންތައްތަކަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް ބުނެ އެކަންތައްތައް ވެސް ކުށްވެރިކޮށްދިނުމަށް އެސިޓީގައި ވަނީ މެމްބަރުން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ކަންކަން ކުރަމުން ދަނީ ޤާނޫނު އަސާސީ އާއި ޤާނޫނާ މުޅިން ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ކަންކަން ނިންމުމަށް އާއްމު ފަރުދުންނާއި ޖަމާއަތްތަކަށް ޝަރުއީ މަރުހަލާގެ އެހީތެރިކަން އަބަދު ހޯދަން ޖެހޭ ވާހަކަ ވެސް ރިޔާސީ ބަޔާނަށް ޖަވާބުދެއްވާ އިރު ފާހަގަކޮށްދެއްވުމަށް އެ މެމްބަރުން ވިދާޅުވެފައިވެ އެވެ.

"މިފަދަ ކަންކަން ކުރުމުގެ ކުރިން ސުޕްރީމް ކޯޓު ފަދަ ތަނަކުން އިޝްތިޝާރީ ލަފާ ހޯދުމުގެ ފުރުސަތު ހުޅުވިފައި އޮތް އިރު ވެސް އެފަދަ ފުރުސަތުތައް )ސަރުކާރުން( ބޭނުންކޮށްފައިނުވާކަން ހާމަކުރުމާއި، އަދި ޤާނޫނު އަސާސީ އާއި އެހެނިހެން ޤާނޫނުތަކަށް އިހުތިރާމްކޮށް ޑިމޮކްރެސީގެ ރިވެތި އުސޫލުތަކުގެ މަތިން ކަންކަން ކުރެއްވުމަށް ގޮވައިލެއްވުން."

މި ސިޓީގައި ޕީއޭ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ހަތް ބޭފުޅުންނާއި އަމިއްލަ ތިން މެމްބަރުންނާއި ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު ރިޔާޒް ރަޝީދާއި އަމިއްލަ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު، މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޑީއާރްޕީ ޕާލިމެންޓްރީ ގްރޫޕްގެ ހަ މެމްބަރަކު ވެސް އެ ސިޓީގައި ސޮއިކުރައްވައިފައިވާ އިރު އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ޑީއާރްޕީގެ، ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ބޭފުޅުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ )ށ( ގައި ބުނަނީ "ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރަންވާނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރުން ފިޔަވައި، މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ މެމްބަރުންގެ ޚިޔާލާއި ފިކުރު ހިމަނައިގެން" ކަމަށެވެ.

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ ދެންމެ ވިދާޅުވީ އެފަދަ ވާހަކައެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޑު އެއްސެވި ކަމަށާއި ނަމަވެސް އަދި އެ ސިޓީ ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

ތަސްމީން ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން އޮންނަނީ ވީހާ ގިނަ މެންބަރުންގެ ހިޔާލާއި ވިސްނުމާ އެެއްގޮތަށް ކަމަށާއި އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަން އުޅޭ 25 ޑޮލަރުގެ މައްސަލަ އަކީ ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށް ވާ ނަމަ އެ މައްސަލަ ރިޔާސީ ބަޔާނުގައި ހިމެނުމަކީ އެ މަނިކުފާނަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ވިދާޅުވީ އިބާރާތް ކުރައްވާ އިރު، އެބޭފުޅުން ބޭނުންފުޅުވާހާ ގޮތަކަށް އިބާރާތް ނުކުރެއްވިދާނެ ކަމަށާއި އެކަން ކުރައްވާނީ އެމަނިކުފާނަށް ވެސް ގަބޫލުކުރެވޭ ގޮތެއްގެ މަތީން ކަމަށެވެ.