މޮސްކޯ (އޮގަސްޓް 26): ރަޝިޔާއަށް ވަޑައިގެން އުޅުއްވާ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ރައީސް ވްލަޑިމޭރު ޕޫޓިން އާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ޓެރަރިޒަމާ ހަނގުރާމަ ކުރުމާބެހޭގޮތުންނާއި ސަރަހައްދީ މައްސަލަތަކާބެހޭގޮތުންކަމަށް ކްރެމްލިން އިން ބުނެއެވެ. މިބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ސީސީ ވިދާޅުވީ، މިސްރާއި ރަޝިޔާގެ ގުޅުންތަކުގެ އައު މަރްހަލާއެއް މިހާރު ފެށިފައިވާކަމަށާއި ރަޝިޔާއާއެކު އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް މިސްރުން ބަދަހިކުރަމުން ގެންދާކަމުގައެވެ.

ރަޝިޔާއާއި މިސްރުން ދާދިފަހުންވަނީ ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ މަރުކާގެ ފައިޓަރޖެޓް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެކުރިން މިސްރުން ހަތިޔާރު ގަންނަ ގައުމަކީ އެމެރިކާއެވެ. ނަމަވެސް ސީސީގެ ވެރިކަމުގައި އޭނާ ގެންދަނީ ހަމައެކަނި އެމެރިކާއަށް އަސްކަރީ ގޮތުން ބަރޯސާ ނުކުރާ ގައުމަކަށް މިސްރު ހެދުމަށް މަސައްކަތްކުރަމުންނެވެ. (އަލްޖަޒީރާ)