މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދިރާގުން ދޭނެ ކަަމަށް ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި އޮތް ޕްރެސްކޮންފަރެންސްގައި އިމްޖާދު ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ތްރީޖީ އިންޓަނެޓްގެ ހިދުމަތްދީފައިވާ ކަމަށާއި ބާކީ ހުރި ރަށް ތަަކަށް މިއަހަރު ޑިސެމްބަރު މަހުގެ ކުރިން އެ ހިދުމަތް ދޭނެ ކަަމަށެވެ.

ދިރާގުގެ ޓީމްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ތްރީޖީގެ ހިދުމަތް ފުޅާ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަަމަށް އިމްޖާދު ވިދާޅުވިއެވެ.

" 2015 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ތްރީޖީގެ ހިދުމަތް ލިބިގެންދާނެ" އިމްޖާދު ވިދާޅުވިއެވެ.

އޭގެ އިތުރުން ދިރާގުން ފޯރުކޮށްދޭ ފޯޖީގެ ހިދުމަތް ވެސް ފުޅާ ކުރަމުން އަންނަ ކަމަށް އިމްޖާދު ވިދާޅުވިއެވެ. އާބާދީގެ 55 ޕަސެންޓަށް ފޯޖީގެ ހިދުމަތް މިހާރުވެސް ފޯރުކޮށްދީފައިވާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.