"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ސަންގެ ޓީމު ފުވައްމުލަކަށް ކުރާ ދަތުރުގައި އެރަށުން ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 5:00 އަށެވެ.

"ސަން ރަށަށް" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ސަން ޓީމުން ދަތުރުކޮށް، އެރަށްރަށާ ގުޅޭ ޚާއްސަ މައުލޫމާތުތައް ގެނެސްދިނުމުގެ މަގުސަދުގައި ސަން މީޑިއާ އިން މީގެ އަހަރެއްހާ ދުވަސް ކުރީން ތައާރަފުކުރި ޕްރޮގްރާމެކެވެ. ފުވައްމުލަކަށް ސަން ޓީމުން މި ކުރާ ދަތުރުގައި އެރަށާ ގުޅޭ މުހިންމު ގިނަ މައުލޫމާތުތަކެއް ގެނެސްދެވޭނެ އެވެ. އެ ގޮތުން ފުވައްމުލަކާ ގުޅުން ހުރި ތާރީޚީ މުހިންމު ކަންކަމާއި މިހާރު ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ލިޔުންތައް މި ޕްރޮގްރާމްގެ ދަށުން ޝާއިއު ކުރެވޭނެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކަށް ޚާއްސަ ސޮފުހާއެއް ވެސް ސަން އޮންލައިން ގައި ތައާރަފު ކުރެވޭނެ އެވެ.

"ސަން ރަށަށް" ފުވައްމުލަކު ދަތުރުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ސަންގެ ޓީމާ އެކު ހަރަކާތްތެރިވެ، އަމަލީ ގޮތުން ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ވޮލަންޓިއަރުންނަށް ޚާއްސަ ފާހެއް ސަން އިން އެ ފަރާތްތަކަށް މި ދަތުރުގެ މުއްދަތަށް ދޭނެ އެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުން ވެސް ދޭނެ އެވެ.

ސަންގެ ޓީމު ފުވައްމުލަކަށް ދާން މިހާރު ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު ދޭއް އަދި ތިނެއްގަ އެވެ. މި ދަތުރުގައި ސަން ޓީވީ އާއި ސަން މަޖައްލާ އާއި ސަން އެފްއެމް އަދި ސަން އޮންލައިން ހިމެނޭ ގޮތުން 15 މެންބަރުން ބައިވެރިވާނެ އެވެ. މި ޓީމުގައި ނޫސްވެރިންނާއި އެޑިޓަރުންނާއި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން އަދި ވެބް ޓީމުގެ މެންބަރުން ހިމެނޭނެ އެވެ. މި ޓީމު ފުވައްމުލަކުގައި ތިން ދުވަސް ހޭދަ ކުރާނެ އެވެ. ސަން އެފްއެމް އާއި ސަން ޓީވީން ބައެއް ޕްރޮގްރާމްތައް ފުވައްމުލަކުން ލައިވް ކުރާނެ އެވެ. ސަން އޮންލައިން އިން ޚަބަރު ތަކާއި ރިޕޯޓުތައް ޝާއިއު ކުރަމުން ގެންދާނެ އެވެ.

ސަން މީޑިއާ އިން ގަބޫލުކުރާ ގޮތުގައި މި ދަތުރަކީ ފުވައްމުލަކުގެ މައުލޫމާތުތައް މީޑިއާއެއްގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެއް ފަހަރާ ގެނެސްދޭނެ ދަތުރެވެ.

މި ދަތުރުގެ ޚާއްސަ އޮންލައިން ސޮފުހާ ތައްޔާރުކުރަމުން އަންނަ ސަންގެ ވެބް ޓީމުން ބުނީ، އެ ސޮފުހާ ތައްޔާރު ކުރެވިފައި އޮންނާނީ ފުވައްމުލަކުގެ ރީތި ފޮޓޯ ތަކާއެކު ކިޔުންތެރީންނަށް ވެސް ޝޯޝަލް މީޑިއާ ތެރެއިން މި ޕްރޮގްރާމްގައި ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެކަމަށް ޚާއްސަކޮށް މި ޚަބަރާ އެކު މިވާ ފުރުމަށް ފަހު މެއިލް ކުރައްވާނީ އެވެ.