26 Aug 2015, 18:41
ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލު ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވާން ޖެހިގެން ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލް އަހްމަދު މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަ މީހުންގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އަށެވެ.
މިއަދަށް ވެސް ތާވަލް ކޮށްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށެވެ.
މީގެކުރިން ތާވަލްކުރި އެ މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ވީޑިއޯ ކޮންފަރެންސް ސިސްޓަމްގައި މައްސަލަޖެހިގެންނެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގދ. ތިނަދޫ ސްވީޓްޑްރީމް، އަހްމަދު ނިމްޝާދާއި ހުޅުމާލެ ފްލެޓް 110118 އަހްމަދު ޖައުފަރާއި މާލޭ ދަފްތަރު 6566 އިސްމާއީލް ރިފާއު ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދާއި މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފެވެ.
އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލާއި އިތުރު ދެ މީހަކު ހުއްޓައި އެމީހުން ގޮސް އެ ތިން މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.