ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމްގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. މީގެ ކުރިން އެ މީހުންގެ ތެރެއިން މިދުހަތާއި އަހްމަދު ސައީދުގެ މައްޗަށް ދައުވާ އުފުލުމަށްފަހު ދިރާސާ ކުރުމަށްޓަކައި ދައުލަތުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ.

ދައުވަ އުފުލާފައިވާ މާލޭ ދަފްތަރު ނަމްބަރު 1475، އަޙްމަދު ރިޒާމް (25އ) -- ފޮޓޯ: ޕޮލިސް

އެހެންކަމުން ދައުލަތުން ބުނެފައި ވަނީ ދައުވާ އުފުލާފައިވާ ތިން މީހުންނާ މަފާޒުގެ މަރުގެ ތުހުމަތު ނުކުރާ ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އެމީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިތުރު ބަޔަކާ އެކު މަސް އޮޑިގެ ކައިރިއަށް ގޮސް ދިގުމިނުގައި ތިން ފޫޓު ހުންނަވަރުގެ ކޮޅަށް ތޫނުކޮށްފައި ހުރި ކަނޑިއެއް ފާޑު އެއްޗެއް ހިފައިގެން މަސްއޮޑިގޭ ކުރިމަތީގައި ތިބި މީހުން ފަހައި ދުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަހްމަދު ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ ހަމަނުޖެހުން ހިންގި މީހުންނާއެކު އޭނާ އުޅެފައިވާތީ އެވެ. އަދި ދައުވާ އުފުލާފައިވާ ރިޒާމަކީ ވެސް އެ ހަމަނުޖެހުންތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.