26 Aug 2015, 16:35
ދިމިޝްގު (އޮގަސްޓް 26) : ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި ސޫރިޔާ ސަރުކާރު ހިމާޔަތް ކުރުމަށް އީރާނާއި ރަޝިޔާ ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުނާންނާނެކަމަށް ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެ އެވެ.
ލުބްނާނުގެ އަލްމަނާރު ޓީވީ އަށް ދެއްވި ބަސްދީގަތުމުގައި ބައްޝާރު ވިދާޅުވީ ރަޝިޔާއިން އޭނާގެ ސަރުކާރަށް ދޭ އަސްކަރީ އެހީތެރިކަމާއި ސިޔާސީ ތާއީދަކީ ސާބިތު އެއްޗެކެވެ. އަދި އީރާނުން އޭނާގެ ސަރުކާރަށް ދޭ އަސްކަރީ އަދި އިގްތިސާދީ އެހީތެރިކަންވެސް އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބައްޝާރު ވިދާޅުވި އެވެ. ބައްޝާރު ވިދާޅުވީ ސޫރިޔާގައި ހިނގަމުންދަނީ ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައެއް ކަމަށާ އޭނާގެ ސަރުކާރު ވައްޓާލުމަށް ފަހު އެހެން ސަރުކާރެއް ގެނައުމަށް މަސައްކަތްކުރާ ގައުމުތަކުން އެކަން ކުރަންބޭނުންވަނީ އަމިއްލަ ފައިދާއެއް ހާސިލް ކުރުމަށް ކަމުގަ އެވެ.
ބައްޝާރު ވިދާޅުވީ އިދިކޮޅު ފަރާތްތައް ބަލިކޮށް ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދު ނެތްނަމަ ހަތަރު އަހަރަށްވުރެ ދިގުމުއްދަތަކަށް ހަނގުރާމަ ކުރިޔަށް ނުގެންދެވުނީސްކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށް ސަރުކާރަށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބައްޝާރު ވިދާޅުވިއެވެ. ބައްޝާރުގެ ވާހަކާގައި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވާލާފައިވާ ޓެރަރިޒަމަ އިދިކޮޅު އެލަޔަންސްގައި އޭނާގެ ސަރުކާރު ބައިވެރިކުރާނެ ކަމުގެ އުންމީދު ނުގެއްލޭކަމަށްވެސް ވިދާޅުވިއެވެ. އަދި މިސްރާއެކު އޭނާގެ ސަރުކާރުން މުއާމަލާތްތައް ކުރަމުންގެންދާކަމަށާ މިކަން ފާޅުގައި ކުރަން މިސްރަށް ނުކެރެނީ ބައެއް އެހެން ގައުމުތަކުގެ ފިއްތުންތަކުގެ ބޮޑުކަމުން ކަމަށްވެސް ބައްޝާރު ވިދާޅުވިއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ދެލައްކަ އަށްޑިހަ ހާސްމީހުން މަރުވެ ދެމިލިޔަނަށްވުރެ ގިނަމީހުން ޒަޚަމްވެ އޭގެތެރެއިން ގިނަ ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައިވާއިރު ސޫރިޔާގެ އާބާދީގެ ތިންބައިކުޅަ ދެބައިމީހުންވަނީ މިހަނގުރާމައިގެ ސަބަބުން ހާލުގައިޖެހި ގެދޮރު ގެއްލި ރެފިއުޖީންނަށްވެފައެވެ. އަދި ސޫރިޔާގެ ގިނަ ރަށްތަކާއި ވިލެޖްތައްވެސް ވަނީ މިހަނގުރާމައިގެ ސަބަބުން މުޅިން ފުނޑުފުނޑުގެ ސުންނާފަތިވެ ވީރާނާވެފައެވެ. (އަލްޖަޒީރާ)