26 Aug 2015, 16:30
ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ހެކިބަސް ނެގުމަށް ފަހު މީހަކު 10 އަހަރަށް ޖަލަށްލުމަށް ށ. ފުނަދޫ ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކޮށްދޭން ހައި ކޯޓުގައި އެދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ޕީޖީ މުހުތާޒު މުހުސިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ށ. ފުނަދޫ ނަސީމީގެ، މުޙައްމަދު ރިޝާން،26، ދިހަ އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އަމުރުކޮށްދޭން ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.
We will seek in the High Court a retrial of the sexual assault case recently decided by Sh.Funadhoo Mg Court.
— Muhuthaz Muhusin (@muhuthaz)August 26, 2015
ރިޝާނާ ދެކޮޅަށް ހުށަހެޅި ހެކީންގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށް ދައުލަތުން އެދުމުން އެރަށު ކޯޓުން ވަނީ އޭނާގެ ޣައިރު ހާޒިރުގައި ހެކިބަސް ނަގާފަ އެވެ.
ފުނަދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސިއްރުން ހެކިބަސް ނަގައިދިނުމަށް އެދޭ މައްސަލަތަކުގައި އެ ކޯޓުން އަމަލުކުރާނީ އެގޮތަށް ކަމަށެވެ.
ށ. ފުނަދޫ ކޯޓުން އެގޮތަށް އަމަލު ކުރިނަމަވެސް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ސިއްރު ހެކީންގެ ހެކިބަސް ނަގަނީ ކޯޓުގެ އެހެން ރޫމަކަށް ހެކީން ހާޒިރުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތަށް ހެކިބަސް ނަގާއިރު ދައުވާ ލިބޭ މީހުންނަށް ހެކިބަސްދޭ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ކޯޓުން ދެ އެވެ. ނަމަވެސް ދައުވާ ލިބޭ މީހާއަށް ހެކިބަސްދޭ މީހަކީ ކާކުކަން އެނގޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.
ފުނަދޫ ކޯޓުން މިގޮތަށް އަމަލު ކުރަމުންދާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ވަނީ ދައުވާ ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލު ކުރުމާއި އެމީހަކު ބޭނުން ހެކީން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި އެ ހެކީންނާ ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ހައްގު ދައުވާ ލިބޭ މީހާއަށް ލިބިގެންވާ ކަމަށެވެ.