ފުވައްމުލަކަކީ ސިޓީއެއް ކަމަށް ކަނޑައެޅުމަށް ލާމަރުކަޒީ ބިލަށް ހުށަހެޅި އިސްލާހާއި ރައީސް ތަސްދީގު ނުކުރައްވައި ފޮނުވައިލެއްވި، ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ބިލަށް އިސްލާހް ހުށަހެޅުއްވި، ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ވިދާޅުވީ، ސިޓީ ކައުންސިލެއްގެ ދަށުން ފުވައްމުލަކު ހިންގުމަށް ގާނޫނަށް އިސްލާހް ހުށަހެޅުއްވީ، ފުވައްމުލަކުގެ އަށް އަވަށަކީ އަށް ރަށުގެ ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ 25ވަނަ މާއްދާގެ (ށ) އިން ކަނޑައަޅާފައިވުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދިމާވާނެތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުވައްމުލަކުގެ އިދާރީ ހިންގުމަށާއި އާއްމު އިޖްތިމާއީ ހަމަޖެހުމަށާއި ރަށުގެ ތަރައްގީ އަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކާއި ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް އިސްލާހް ހުށަހެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އިސްލާހް މަޖިލީހަށް ބަލައިގެންފައި ވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ގާނޫނަށް އެ އިސްލާހް ހުށަހަޅުއްވާފައި ވަނީ، ލޯކަލް ކައުންސިލް އިންތިހާބު ނިމުމުންކަމަށްވާތީ، ދެން އެ އިސްލާހް ގާނޫނަށް ގެނައުމަކީ މުހިއްމުކަމެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިފާގު މުފީދު ވިދާޅުވީ، އެ އިސްލާހަކީ ކައުންސިލް އިންތިހާބުގެ ކުރިން އޭނާ ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އިސްލާހް ފާސްވެގެން ފުވައްމުލަކު ރައްޔިތުންނަށް ލިބޭން ޖެހޭ ހައްގުތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެއްވި ނަމަވެސް އެކަންތައް އެގޮތަށް ނުދިޔަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާގު މުފީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން، އެއް ރަށެއްގެ ގޮތުގައި އޮތް ފުވައްމުލައް އަށް ރަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ޒަމާނުއްސުގެ އެއް ރަށެއްގެ ގޮތުގައި އޮތް ރަށެއް އެއީ. ނަމަވެސް ގާނޫނުން މިވަނީ އަށް ރަށުގެ ގޮތުގައި ބައިކޮށްލައިފައި. އަދި ކައުންސިލްތަކުގެ ހިދުމަތަށް ބަލާ އިރު ފުވައްމުލަކު އަށް ރަށަށް ބެއްސަސް ރަށެއްގައި މިތިބެނީ ތިން ކައުންސިލަރުން. ނަމަވެސް އެހެނެއް ނޫން އެހެން ރަށްރަށުގައި އޮންނަނީ، އެ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް." ޝިފާގު މުފީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލް އިންތިހާބުގައި، އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިލެކްޝަނުން ގެންގުޅުނު އުސޫލުގެ ސަބަބުން ފުވައްމުލަކުގައި އިޖްތިމާއީ މައްސަލަތައް އުފެދިފައިވާ ކަމަށެވެ. އަދި އިންތިހާބީ ދާއިރާތައް އިލެކްޝަނުން ކަނޑައަޅާފައި ވަނީ ގާނޫނާ ފުށުއަރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ހޫނު ބަހުސަކަށް ފަހު ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު ބަލައިގެންފައި ވަނީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.