އދ. ދަނގެތީގައި ފެން ކަމަށްހީކޮށް ކުޑަ ކުއްޖަކަށް ކެމިކަލް ފަދަ އެއްޗެއް ދެވިގެން އެކުއްޖާ މަރުވެއްޖެ އެވެ.

މިއަދު 2:45 އެހާކަންހާއިރު ހިނގި ހާދިސާގައި ނިޔާވެފައިވަނީ ދަނގެތީ ފަތުރު ގޭ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށްވާ އުމުރުން ދެ އަހަރާއި ހަތް މަހުގެ އަހުމަދު އަހުސަންއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ދަނގެތީގައި ކުޑަކުއްޖަކަށް ކެމިކަލްދެވިގެން ދަނގެތީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

"ކެމިކަލެއް ދެވިގެން ކަމަށް ބުނަނީ، އެކަން ހިނގި ގޮތެއް ބަލަމުން މިދަނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެހާދިސާއާ ގުޅޭ ގޮތުން ދަނގެތީ ކައުންސިލްގެ ރައީސް އަބްދުލް ހަންނާން މުހައްމަދު ސަން އަށް ވިދާޅުވީ އެރަށުގައި ވާހަކަ ދެކެވޭ ގޮތުން އެކުއްޖާ މަރުވީ އެކުއްޖާގެ މާމަ އެކުއްޖާއަށް ފެންދޭން އުޅުމުގެ ތެރެއިން ފެން ކަމަށް ހީކޮށް ކެމިކަލެއް ދެވިގެން ކަމަށެވެ.

"އަހުސަންގެ މާމަ ފެން ދޭންވެގެން އޭނައަށް ނޭނގިގެން ހާޑްނަރު(ކެމިކަލެއް) ދެވުނިއްޔޯ، އެއްގޮތަށް ހުރިއެއްޗެއްވީމާ ދުވަސްވީ މީހެއްވީމާ ނޭނގިގެން." ހަންނާން ވިދާޅުވި އެވެ.

ހަންނާން ވިދާޅުވީ އެ ރަށަކީ ގިނަ އަދަދެއްގެ ދޯނިފަހަރު ގެންގުޅޭ ރަށަކަށްވުމުން ގިނަ ގޭގޭގައި އެފަދަ ކެމިކަލް ގެންގުޅޭ ކަމަށެވެ.

އެހާދިސާގައި މަރުވި އަހުސަން މިހާރު ދަނގެއްޗަށް ގެނެސް ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.