ހދ. ނޮޅިވަރަމް ސްކޫލަށް ދަރިވަރުން ގެނައި އެއްޗަކުން ވަހެއް ދުވާތީ އެ ސްކޫލްގެ އެއް ކުއްޖަކު ހޭނެތިގެން އަދި ފަސް ކުއްޖަކު ބޮލުގައި ރިއްސާތީ އެޑްމިޓްކުރި ކަމަށް ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރެއްހާއިރު އެޑްމިޓް ކުރި އެ ކުދިންގެ ތެރެއިން އެއް ކުއްކަޖު ނޫން އެހެން ކުދިން މިހާރު ދޫކޮށްލާފައިވާ ކަމަށް ނޮޅިވަރަމު ސިއްހީ މަރުކަޒުން 'ސަން' އަށް މައުލޫމާތު ދިނެވެ. ނޮޅިވަރަމު ސިއްހީ މަރުކަޒުން ބުނީ އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަަމަށެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން އަދުނާނު ވިދާޅުވީ އެ ވަސް ދުވީ ދަރިވަރުންތަކެއް ސްކޫލަށް ގެނައި ކަރުދާސްގަނޑަކުން ކަމަށެވެ.

"ގޮތްނގޭ އެއްޗެއް އަޅާފައިވާ ކަރުދާސްގަނޑެއް ކުދިންތަކެއް ގެނައީ ސްކޫލަށް، އެ ވަހުގެ އަސަރުކޮށްގެން ކުދިންތަކެއް މަރުކަޒަށް ގެންދަންޖެހުނު،" އަދުނާނު ވިދާޅުވި އެވެ. ދަރިވަރުން ސްކޫލަށް ގެނެސްފައި ވަނީ ސީދާ ކޯއްޗެއް ކަމަށް އަދި ނޭނގެ އެވެ.