26 Aug 2015, 15:19
ސެމްސަންގް ގެލެކްސީ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފެބަލެޓް "ގެލެކްސީ ނޯޓް 5"ގެ ސްޓައިލަސް ނުބައިކޮށް ލެއްވުމާ އެކު ފޯނަށް ދާއިމީ ގެއްލުންތަކެއް ދިމާވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.
ގެލެކްސީ ނޯޓް ސީރީޒްގައި މިހާތަނަށް ނެރުނު އެންމެ "ހިތް ގައިމު" ފޯނުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެ ފެބްލެޓް ފޯނުގައި މިފަހަރު ވަނީ އެ ސީރީޒްގެ އެހެން ފޯނުތަކާ ހިލާފު ޑިޒައިނުގެ ބަދަލެއް ގެނެސްފަ އެވެ. ކުރީގެ އެއްވެސް ނޯޓް ސީރީޒްގެ ފޯނުގެ ސްޓައިލަސް އެއް އެ ވަންނަ ޖެހޭ ގޮތަށް ނޫން އެހެން ގޮތަކަށް އެ އިންނަ ތަނަކަށް ނުވަންނާނެ އެވެ. ނަމަވެސް ޑިޒައިންގެ "ފްލޯ" އެއްގެ ސަބަބުން ގެލެކްސީ ނޯޓް 5ގެ ސްޓައިލަސް ކޮންމެ ކޮޅަކުން ލެއްވި ނަމަވެސް އެ ވަދެ އެވެ.
އޮޅިގެން ސްޓައިލަސް ނުބައިކޮޅުން ލެއްވިއްޖެނަމަ އެ އެ ސްޓައިލަސް އިންނަ ސްލޮޓުގެ ތެރޭގައި ތާށިވެ ސްޓައިލަސް މަސައްކަތް ކުރުން ހުއްޓާލާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ބައެއް ފަހަރު ފޯނަށްވެސް މައްސަލަތަކެއް ދިމާވާ ކަމަށް ގިނަ ބަޔަކު ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސެމްސަންގް އިން ރައްދު ދެމުން ބުނެފައި ވަނީ ފޯނުގެ އިންސްޓްރަކްޝަން ގައިޑު ރަނގަޅަށް ކިޔުމަށް ހަނދާން ކުރުމަށެވެ. އިންސްޓްރަކްޝަން ގައިޑުގައި ވަނީ އެގޮތަށް ބޭނުން ކުރުމުން މައްސަލަ ދިމާވެދާނެ ކަމަށެވެ.
މިމަހު ނެރެފައިވާ ގެލެކްސީ ނޯޓު 5 އަކީ ސެމްސަންގް ކުންފުނީގެ ފެބްލެޓް ސީރީޒްގެ އެހެން ފޯނުތަކާ އެއްގޮތަށް 5.7 އިިންޗި އިންނަ 2K ޑިސްްޕްލޭ ސްކްރީންގެ ފޯނެކެވެ. ޑިޒައިންނަށް ބަދަލުތަކެއް ގެނައުމަށް ފަހު ނެރުނު އެފޯނުގައި 16 މެގަޕިކްސެލްގެ ރިއާވިއު ކެމެރާ އެއް އިން އިރު ފްރޮންޓް ކެމެރާގައި ފަސް މެގަޕިކްސެލް ހުރެ އެވެ.
ގޮރިއްލާ ގްލާސް 4 ބޭނުންކޮށްފައިވާ އެ ފޯނަކީ ހަތަރު ޖީބީގެ ބާރުގަދަ ރެމް އެއް އިންނަ ފޯނެކެވެ.