26 Aug 2015, 15:07
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި ކަމަށް ދައުލަތުން ދައުވާ އުފުލި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދު މައްސަލައަށް ޖަވާބު ދާރީވާން އިތުރު ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝާހިދުގެ ފަރާތުން ވަކީލު ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ބުނެފަ އެވެ. ގާޒީ އަބްދުﷲ ނަޝީދު ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވުމަށް ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފުރުސަތު ކުރިން ދެވިފައިވާ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އޭނާ އަށް އިތުރު ފުރުސަތެއް މިއަދު ވެސް ދީފަ އެވެ.
އެ މައްސަލާގައި ޝާހިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީޝީޝާގެ ތިން ބެއިން ކަމުގައިވާ ހ. ޝީޝާވެހި އަހްމަދު ހަސަން މަނިކު އާއި މއ. ހުޝާމްއިން އިބްރާހީމް ހުޝާމް އާއި ހަމައެގޭ ހުސައިން ހުޝާމްގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމަންޓުތަކެއް ހުށަހަޅައިގެން ނެގި ފައިސާ ފުރަތަމަ ޖަމާކޮށްފައި ވަނީ ޝާހިދާއި ބ. ތުޅާދޫ ނޫރާނީއާގޭ މުހައްމަދު ރަޝީދު އަބްދުލް ބާގިރުގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ.
އެ ދެ މީހުންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިން ކަމަށް ދައުވާގައިވެ އެވެ.
އެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނިކޮށް ތަފާތު އެކި ދުވަސްމަތިން ދޫކޮށްފައިވާ ތިން ޗެކަކުން ސިފައިންގެ ރިޓަޔާޑު ކާނަލެއް ކަމުގައިވާ ހ. ހަބަރުގޭ ޝައުކަތު އިބްރާހީމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ޝައުކަތުގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދޫކުރި ތިން ޗެކްގައިވާ ސޮއިތަކުގެ ތެރޭގައި ޝާހިދުގެ ސޮއި ވެސް ހިމެނޭ ކަން ޑޮކިއުމެންޓްރީ އެގްޒަމިނޭޝަން ރިޕޯޓުން އެނގޭ ކަމަށް ވެސް ދައުވާގައިވެ އެވެ.
ޝާހިދުގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ އުފުލާފައި ވަނީ ޝައުކަތާއި އޭނާގެ ބިޒްނަސް ޕާޓްނަރު ރ. ރަސްމާދޫ ބަހާރުގޭ އަލީ އަޝްރަފްގެ މައްޗަށެވެ.
އެސްބީއައިގެ މުވައްޒަފުންނާއި އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލައާ ގުޅިގެން ކުރިން ދައުވާ އުފުލިނަމަވެސް މިހާރު ވަނީ އެމީހުންގެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.