26 Aug 2015, 17:58
މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހިންގާ ނަރުދަމާ އެޅުން ފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިން މަގު ކޮނުމާއި މަގުގައި ގާޖެހުން ފަދަ މަސައްކަތްތައް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން މަގުކޮނެ، މަގުގައި ގާއެތުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު
އެ ދެ ކުންފުނިން ވެސް ވަނީ މިއަދު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ފެން ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. އެމްއާރުޑިސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، އެ މަސައްކަތްތައް ކުރާނީ ދެ ކުންފުންޏަށް ވެސް އޭގެ ފައިދާވާ ގޮތަށް ކަމަށެވެ. އަދި ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރަން ނިންމީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތްތަކުގެ ސްޕީޑް ވީހާވެސް އަވަސްކޮށް ކޮލިޓީ ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު
އެމްއާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް ވިދާޅުވީ، މީގެކުރިން މަގުކޮނުން ފަދަ ކަންކަން ކޮށްދިން ފަރާތްތަކުން އެކަންކަން ކޮށްފައިވާ ގޮތުން މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށެވެ.
ނަމަވެސް އެމްއާރުޑިސީއާ ހަވާލުކޮށްގެން ކުރާ މަސައްކަތްތައް އާންމުންނަށް ދަތިނުވާގޮތަށް ނިންމާލާނެ ކަމަށް ނަޒީމް ވިދާޅުވި އެވެ.