ޖަޕާނުގައި އޮންނަ 'ވޯލްޑް އެސެމްބްލީ އޮފް ވިމެން' ކޮންފަރެންސްގައި އޮންނަ ޕެނަލް ޑިސްކަޝަނެއްގައި އަންހެން ކުދިންގެ ތައުލީމާ ބެހޭ ގޮތުން ދުންޔާ މައުމޫނު ވާހަކަ ދައްކަވާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކަަމަށެވެ. އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މިހާރު ވަނީ ޖަޕާނަށް ފުރާވަޑައިގެންފަ އެވެ. އެ ކޮންފަރެންސް އޮންނާނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. އެ ކޮންފަރެންސް އަކީ ޖަޕާނުގެ ބޮޑު ވަޒީރުގެ ސީދާ ބެއްލުވުމުގެ ދަށުން ކުރިއަށްދާ ކޮންފަރެންސެކެވެ.

"ރާއްޖެ އަކީ އަންހެނުންގެ ތަރައްގީ އާއި ޖެންޑާ އިކުއެލިޓީ އަދި އަންހެނުންގެ ހައްގުތަކަށް ބަލާއިރު ވެސް ގިނަ ގުނަ ކުރިއެރުންތަކެއް ލިބިފަ އޮތް ގައުމެއް" ކަމަށާއި ރާއްޖޭގެ ތަޖުރިބާ އެފަދަ ކޮންފަރެންސެއްގައި ހިއްސާކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްޖެ އަށް ވެސް ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ތަޖުރިބާއިން އެހެން ގައުމުތަކަށް ދަސްކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށާއި އަދި އެހެން ގައުމުތަކުގެ ތަޖުރިބާއިން ރާއްޖެ އަށް ދަސްކުރެވޭނެ ކަންތައްތައް ވެސް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާނަށް ކުރައްވާ ދަތުރުގައި އެގައުމުުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބައްދަލުކުރުމުގައި ރާއްޖެ އާއި ޖަޕާނާއި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރާނަން." ދުންޔާ ވިދާޅުވި އެވެ.

ޖަޕާނަކީ އަބަދުވެސް ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމު މިދޔަ އަހަރު ރަސްމީ ދަތުރުފުޅެއްގައި ޖަޕާން ވަޑައިގެންނެވި ކަމަށާއި އެދަތުރަށް ފަހު އެކިދާއިރާތަކުން ރާއްޖެއަށް އެހީލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ބަދަހިކުރި ފަހުން 48 އަހަރު ވަނީ ވެފަ އެވެ.