14 Mar 2011, 18:49
ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައި ރޯކޮށްލައިގެން މިދިޔަ އަހަރު މަރުވި ގައްދޫ، ފުލޫނިޔާގޭ 25 އަހަރުގެ އިބްރާހިމް އަފްޒަލްގެ މަރުގެ މައްސަލައިގައި، ފުހުން އިހްމާލް ވާކަމަށް ފާހަގަ ކުރެވޭ ކަންތައްތައް ތަހްގީގު ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލު ވުމުގައި، މިދިޔަ ޖޫން މަހު 4 ވަނަ ދުވަހު މަރުވި އަފްޒަލްގެ މަރުގެ މައްސައާ ބެހޭ ގޮތުން، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހުށަހަޅާފައިވާ ރިޕޯޓާ މެދު ބަހުސް ކުރުމަށް ފަހު އެ ރިޕޯޓްގައި، ފުލުހުން ޒިންމާވާން ޖެހޭ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމީ، އެކަންކަމަކީ އެ ކޮމިޓީން ބަލަން ޖެހޭ ކަންތައްތައް ތަކަމަށް ފާހަގަކުރެވިގެން ކަމަށް ކޮމެޓީން ނިންމި އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރިޕޯޓާ ހަވާލާ ދެއްވައި، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މުލަކު ދައިރާގެ އަބުދުﷲ ޔާމީން ވިދާޅުވީ، އަފްޒަލްގެ މަރަށް ފުލުހުން ޒިންމާވާން ޖެހޭ އެއްވެސް ކަމެއް އިންޓަގްރިޓީ ކޮމިޝަނަށް ފާހަގަވެފައިނުވާ ކަމަށެވެ. ނަމަވެސް ޕޮލިސް ސްޓޭޝަންގައި މީހުން ބަންދު ކުރާ އިރު ހަމަޖެހިފައި ހުންނަން ޖެހޭ ކަންކަން ގައްދޫ ޕޮލިސް ސްޓޭޝަންގައި ހަމަޖެހިފައި ނުވުމާއި، އެތަނުގައި ޕެޓްރޯލް ހަމެއް ހުރުން ފަދަ ކަންކަމަކީ ފުލުހުން ޒިންމާވާން ޖެހޭ ކަންކަން ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އަށް ރައްޔިތުންގެ މަޖިލީހުން އަޔަންކުރަން ޖެހޭ މެންބަރުންނާ އިންޓަވިއުކުރުން މާދަމާ ކުރިއަށް ގެންދިއުމަށް ވެސް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ. އަދި ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު ޕޮއިންޓްދޭނެ މިންގަނޑުތައް ވެސް މިއަދުގެ ބައްދަލުވުމުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ކޮމިޓީން ކުރާ އިންޓަވިއުން 75 ޕަސެންޓު ލިބޭ ފަރާތްތަކަކީ އެ އޮތޯރިޓީ އަށް އައްޔަންކުރަން ކޮމިޓީ އަށް ފެންނަ މިންގަނޑުކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނަނީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި ނުވަ މެންބަރުން ހިމެނެން ޖެހޭނެ ކަމަށާއި އެ މެންބަރުންގެ ތެރެއިން، މަދަނީ ޖަމްއިއްޔާ އަކުންނާއި އާއްމުންގެ ތެރެއިން އެ އޮތޯރިޓީގައި ހިމެނޭ މެންބަރު އައްޔަންކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުންކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބުނީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި ހިމެނުމަށް އެދި އާމުންގެ ތެރެއިން ހަތަރު މީހަކު ކުރިމަތިލައްވާފައިވާ ކަމަށާއި މަދަނީ ޖަމްއިއްޔާތަކުން ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.