މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެންމެ ކުޑަ މިނެއްގައި އަސާސީ ސިއްހީ ޚިދުމަތް ދިނުމަށް ސަރުކާރަށް ލާޒިމް ކުރާ "ސިއްހީ ޚިދުމަތް ދިނުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކަމާ ގުޅޭ ކޮމެޓީއާ ބިލުގެ މަސައްކަތް ހަވާލު ކުރިތާ އެއް އަހަރު ފަހުންނެވެ. ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އިޖުތިމާއީ ކޮމެޓީއަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އެ ބިލުގައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތަކުގައި ހެލްތު މިނިސްޓުރީން ކަނޑައަޅާ ފެންވަރަކަށް އަސާސީ ސިއްހީ ޚިދުމަތް ދެވޭނެ ނިޒާމެއް، އެ ރަށެއް ނުވަތަ ރިސޯޓެއްގެ ވެރިފަރާތެއް ނުވަތަ ރިސޯޓު ހިންގާ ފަރާތުން ގާއިމުކުރަންވާނެ ކަމަށެވެ.

ބިލުގައި ވަނީ ސަރުކާރުން މާލެ ސިޓީގައި ހިންގާ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލު ހިމެނެނީ ސިއްހީ ޚިދުމަތުގެ ގައުމީ ނިޒާމުގެ އެންމެ މަތީ ފަންތީގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ގައުމީ ރިފަރަލް ހޮސްޕިޓަލު ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅުއްވި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު: ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ ކޮންމެ ސިޓީއަކާ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ހުންނަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ވަނީ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ސިއްހީ ޚިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ލައިސަންސް ހަމަވުމުން 180 ދުވަސް ކުރިން ލައިސަންސް އާ ކުރަންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ އޭނާ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރާއްޖޭގައި ދެވޭ ސިއްހީ ޚިދުމަތް ހަރުދަނާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ދެވޭނެ ގޮތް މަގުފަހި ކުރުމަށް ކަމަށެވެ.

އެ ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވިއިރު އެ ބިލުން ހާސިލުރަން ބޭނުންވާ މަގުސަދުތަކެއްވާ ކަމަށް ވެސް ހުސައިން މުހައްމަދު ވިދާޅުވި އެވެ.

ހާސިލު ކުރަން ބޭނުންވާ މަގުދަސަދުތައް:

  • ސިއްހީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުން
  • ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރުން
  • އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކަކީ ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުން
  • އަމިއްލަ ފަރާތްތަކުން ދޭ ސިއްހީ ޚިދުމަތަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި ދެމެހެއްޓެނެވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުން