26 Aug 2015, 12:58
މަސްތުވާތަކެތީގެ ބޮޑު ނެޓު ވޯކެއް ހިންގާ މީހެއް ކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ)ގެ ނެޓު ވޯކުގައި ހިމެނޭ، މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށްލާފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާ މައާފު ދެއްވައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ޒަމީރު މިއަދު ސަން އަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށްލާފައިވާ ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމަށް ރައީސް މައާފު ދެއްވާފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
މޫސާ ޒަމީރު ވިދާޅުވީ ޝަހީމްގެ އިތުރުން އިތުރު ދެ މީހަކަށް ރައީސް އިއްޔެ މައާފު ދެއްވާފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ސ. ފޭދޫ ވިންޑް ސްކްރީން ހުސައިން ދީދީ އާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ސ. ހުޅުދޫ ކޮކާހަނދުވަރުގޭ އިލްޔާސް ފުއާދު ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައާފު ދެއްވި ޝަހީމް ހައްޔަރުކޮށްފައި ވަނީ 2011 ޖޫން 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ފަށަންގޭގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި ބަންދު ކުރަން ތިއްބަ އެވެ.