26 Aug 2015, 12:53
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތީ ދީނީ މިނިވަންކަން ދީފައި ވެސް އެހެން ގައުމުތަކުން ބޭނުންވާ ކަންތައްތައް ކުރަން ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ދުންޔާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އޮތީ އަމިއްލަ މިނިވަންކަން ދޫކޮށްލާފައި ވެސް އެހެން ގައުމުތަކުން ބޭނުންވާ ކަންތައްތައް ކޮށްދޭން ކަަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރިތާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ދައްކާ ވާހަކަ ގަބޫލުނުކުރަނީ އެފަދަ ގައުމުތަކުން ކަަމަށް ދުންޔާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު ސަރުކާރުން އެގައުމުތަކުން ބޭނުންވާ ކަހަލަ ކަންތައްތައް އަމިއްލަ މިނިވަންކަން ދޫކޮށްލާފައި ވެސް ކުރަން ތައްޔާރަށް ތިބިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ މިކަހަލަކަންތައްތަކާއި ގުޅުންހުރެދާނެ ޚާއްސަކޮށް ދީނީ މިނިވަންކަން އަދިވެސް އެހެން ކަންކަން ހިމެނޭ. ވީމާ އެބަޔަކަށް ބޭނުންގޮތަކަށް ރާއްޖޭގެ ކަންކަން ގެންދިއުމަށް އެހީތެރިވާން ހުރި މީހަކަށް އެބައެއްގެ އަނަކެތި އޮންނާނެ،" ދުންޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ގޭބަންދުގައި ހުރުމަށް ފަހު އަނެއްކާ ޖަލަށް ލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އިނގިރޭސިވިލާތާއި އެމެރިކާ އިންނެވެ. އަދި ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރި ވާހަކައެއް ނުވަތަ ބަދަލުކުރަން އުޅޭ ވާހަކަ ރަސްމީ ސިފައެއްގައި ސަރުކާރުން އެއްވެސްއިރަކު ދައްކާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގާނޫނީ ހުކޫމަތަކީ ޑިމޮކްރަސީގެ އެއްމެ މުހިއްމު އެއް އުސޫލް ކަމަށާއި އެ އުސޫލް އެއްކިބާ ކުރުމަށް އެއްވެސް ބަޔަކަށް ނުބުނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކައިރީ އެއްވެސް ގައުމަކަށް ނުވަތަ ޖަމްއިއްޔާ ޖަމާއަތަކަށް ވެސް ނުބުނެވޭނެ ވަކި ބޭފުޅަކީ އެބޯ ދަ ރޫލް އޮފް ލޯ އެކޭ. އެހެންވީމާ ތިޔަ ބޭފުޅުން ޑީމޮކްރަސީގެ ވާހަކަ ދައްކަވާފައި ރޫލް އޮފް ލޯގެ ވާހަކަ ދައްކަވާފައި، ދެނެއް ވިދާޅެއް ނުވެވޭނެ ވަކި މީހަކަށް ޓަކައި ރޫލް އޮފް ލޯ އެއްކިބާ ކުރާށޭ، މިވެނި މީހަކަށް މިވެނި ގޮތެއް ކަންތައް ކުރާށޭ، އޭނަ ދޫކޮށްލާށޭ،" ދުންޔާ ވިދާޅުވި އެވެ.
އެކަމަކީ ގައުމެއްގެ ޕްރައިމް މިނިސްޓަރަކަށް ވެސް އެހެން ފަރާތަަކަށް ވެސް ނުކުރެވޭނެ ކަަމެއް ކަަމަށް ދުންޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.