26 Aug 2015, 12:18
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އަލަށް ހަމަޖައްސާ ކޯޗަކީ ފުޓްބޯޅައިގައި އޭޝިއާ ބައްރުގެ ކޯޗެއްކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް މިއަދު ވިދާޅުވީ ގައުމީ ޓީމަށް އަލަށް ހަމަޖައްސާ ކޯޗް މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހަމަޖައްސަނީ ފުޓްބޯޅައިގައި އޭޝިއާ ބައްރުގެ ކޯޗެއް. އޭޝިއާއަށް ނިސްބަތްވިޔަސް އެކޯޗަކީ ގިނަ ބަޔަކު ދަންނަ މޮޅު ކޯޗެއް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އާ ކޯޗާއެކު އެގްރިމެންޓްގައި ސޮއި ކުރަނީ ޗައިނާގައި ކަމަށެވެ.
އެފްއޭއެމް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ދެން ގެންނަ ކޯޗަކީ ވޯލްޑްކަޕަށް ޓީމެއް ކޮލިފައިކޮށްދިނުމުގެ ތަޖުރިބާ ހުރި ކޯޗެއް ކަމަށެވެ.
އަދި އެކޯޗަކު ހަމަޖައްސާނީ ޝޯޓްޓާމް ޕީރިއަޑަކަށް ކަމަށް އޭރު އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
މިއީ ގައުމީ ޓީމް ކޯޗްކަން އޭޝިއާގެ ކޯޗަކާ ހަވާލު ކުރާ ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ގައުމީ ޓީމްގެ ކޯޗްކަން ކުރި އޭޝިއާގެ ކޯޗަކީ 1998 ން 1999 ށް ކޯޗްގެ މަގަމު ފުރި އުޒުބްކިސްތާންގެ ވިޔާކްސްލާވް ސޮލެކޯ އެވެ.

ގައުމީ ތިމަށް އެންމެ ފަހުން ހަމަޖެއްސި އޭޝިއާގެ ކޯޗް އުޒުބްކިސްތާންގެ ވިޔާކްސްލާވް ސޮލެކޯ. އޭނާ ވަނީ 1998 ން 1999 ށް ގައުމީ ޓީމްގެ ކޯޗްގެ މަގަމު ފުރާފައި. އެފްއޭއެމްއިން ބުނީ އަލަށް ހަމަޖައްސާ ކޯޗަކީ އޭޝިއާގެ ކޯޗެއް ކަމަށް ---- ފައިލް ފޮޓޯ/ ޓްވިޓާ
ގައުމީ ޓީމަށް އާ ކޯޗަކު ހަމަޖައްސަނީ ގައުމީ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ބަލްގޭރިއާގެ ވެލިޒާ ޕޮޕޯވްގެ އަހްލާގީ މައްސަލަތާކާ ހުރެ އޭނަ ކޯޗް ކަމުން ދުރައްދިއުމުންނެވެ.