26 Aug 2015, 13:15
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު އަނބުރާ ޖަލަށް ފޮނުވުމުން ކަންބޮޑުވުން ފާޅުކޮށް، އެ މަނިކުފާނު ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ޖޯން ކިރްބައިއާ ހަވާލާދީ ސްޓޭޓް ޑިޕާޓުމަންޓުން މިއަދު ބުނީ އާދިއްތަ ދުވަހުގެ ރޭ ލަސް ގަޑިއެއްގައި ނަޝީދު ގޭބަންދުން ޖަލަށް ބަދަލު ކުރުމުން އެމެރިކާ އަށް "އުނދަގޫވެފައި"ވާ ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނީ ކުރީގެ ރައީސް ނަޝީދު ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށާއި ސިޔާސީ ދައުވާކުރުން ހުއްޓާލައި އަދި ޑޮމޮކްރެޓިކް ނިޒާމާ މެދު މީހުންގެ އިތުބާރު ގާއިމުކޮށް، ގާނޫނީ ވެރިކަން ނަގަހައްޓައި ޝަރުއީ ނިޒާމުގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށާއި ސުލްހަވެރި އެއްވުންތައް ބޭއްވުމަށް މަގުފަހިކޮށް މީޑިއާގެ މިނިވަން ކަމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
ނަޝީދު ފުރަތަމަ ގޭ ބަންދަށް ބަދަލުކުރީ ޖޫން މަހު 19 ވަނަ ދުވަހު އެވެ. އަދި ތިން ދުވަހަށް ބަދަލު ކުރި ކުރުން އަށް ހަފްތާ އަށް ބަދަލުވެ، އަދި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ފުރުސަތު ތަނަވަސްވި ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ގާނޫނީ ވަކީލުންނާ ހަވާލާދީ ސްޓޭޓް ޑިޕާޓަމަންޓުން ބުނީ، ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޓެރަރިޒަމްގެ ހުކުމް ތަންފީޒު ކުރުން 19 ޖުލައިގައި ގެ އަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސް ނަޝީދު ގެއަށް ބަދަލު ކުރި ކަމަށް ބުނާ ލިއުމުމަށް ދިވެހި ސަރުކާރުން މިހާރު އެއްބަސް ނުވާ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ދިވެހި ރާއްޖެ އަށް އެމެރިކާ އިން ދޭ އެހީ ކަނޑާލުމަށް ވިސްނަވަންތޯ ދެންނެވުމުން، ޖޯން ކިރްބައި ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާނީ ދިވެހި ސަރުކާރުން ދެން އިތުރަށް އަޅާ ފިޔަޅަކަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ނިޝާ ބިސަވަލް ސްރީލަންކާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދު ބަންދުގައި ހުންނަވާ އިރު އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވެވަޑައި ގަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި ބުނީ ނަޝީދުގެ ޝަރީއަތް ދިޔައީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ އިން ބައިނަލްއަގުވާމީ ފަރާތްތަކާ ދޭތެރޭ ވެފައިވާ މުއާހަދާތަކާ ފުށުއަރާ ގޮތަށް ކަމަށެވެ.
ސްޓޭޓް ޑިޕާޓަމަންޓްގެ ތަރުޖަމާން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްސަލަ އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.
ހަތިޔާރު ގެންގުޅުނުކަން ސާބިތުވެގެން ނާޒިމު ވަނީ 11 އަހަރަށް ޖަލަށް ލައިފަ އެވެ. ނާޒިމު ވިދާޅުވަނީ އެއީ އޭނާގެ މައްޗަށް ފްރޭމްކޮށްގެން ހިންގާފައިވާ ޝަރީއަތެއް ކަމަށެވެ. ނާޒިމުގެ އިސްތިއުނާފު މައްސަލަ ވަނީ ޖޫން މަހުން ފެށިގެން ހުއްޓިފަ އެވެ.
އިމްރާންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް ޖޫން މަހު ބޭއްވުމަށް ފަހު ވަނީ ހުއްޓިފަ އެވެ.
އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިން ނާއި ސައުތު އޭޝިޔަން ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗުއާރު) ގުޅިގެން ނެރުނު ފެކްޓް ފައިންޑިން ރިޕޯޓްގައި އިއްޔެ ގޮވާލާފައި ވަނީ ނަޝީދު ދޫކޮށްލުމަށެވެ. އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވެސް ވަނީ ނަޝީދު ދޫކޮށްލުމަށް ގޮވާލައިފަ އެވެ.