26 Aug 2015, 12:01
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެންމެ ކުޑަ މިނެއްގައި އަސާސީ ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރަށް ލާޒިމް ކުރާ "ސިއްހީ ހިދުމަތް ދިނުމުގެ ބިލު" އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.
އެ ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކަމާ ގުޅޭ ކޮމެޓީއާ ބިލުގެ މަސައްކަތް ހަވާލު ކުރިތާ އެއް އަހަރު ވަނިކޮށެވެ. ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އިޖުތިމާއީ ކޮމެޓީއަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އެ ބިލު ކޮމެޓީން ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ހުސައިން މުހައްމަދު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތަކުގައި ހެލްތު މިނިސްޓުރީން ކަނޑައަޅާ ފެންވަރަކަށް އަސާސީ ސިއްހީ ހިދުމަތް ދެވޭނެ ނިޒާމެއް، އެ ރަށެއް ނުވަތަ ރިސޯޓެއްގެ ވެރިފަރާތެއް ނުވަތަ ރިސޯޓު ހިންގާ ފަރާތުން ގާއިމުކުރަންވާނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ސަރުކާރުން މާލެ ސިޓީގައި ހިންގާ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލު ހިމެނެނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ އެންމެ ފަންތީގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ގައުމީ ރިފަރަލް ހޮސްޕިޓަލު ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ސިޓީއަކާ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ހުންނަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ލައިސަންސް ހަމަވުމުން 180 ދުވަސް ކުރިން ލައިސަންސް އާ ކުރަންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލު މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ އޭނާ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތް ހަރުދަނާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ދެވޭނެ ގޮތް މަގުފަހި ކުރުމަށް ކަމަށެވެ.
އެ ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވިއިރު އެ ބިލުން ހާސިލުރަން ބޭނުންވާ މަގުސަދުތަކެއްވާ ކަމަށް ވެސް ހުސައިން މުހައްމަދު ވިދާޅުވި އެވެ.
ހާސިލު ކުރަން ބޭނުންވާ މަގުދަސަދުތައް:
- ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުން
- ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރުން
- އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަކީ ރައްކާތެރި ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުން
- އަމިއްލަ ފަރާތްތަކުން ދޭ ސިއްހީ ހިދުމަތަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި ދެމެހެއްޓެނެވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުން