އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި، ޑރ. އަހްމަދު އަލީ ސަވާދަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވާ ބޭފުޅެއްކަމުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އަށް އަރުވާ ގާނުނީ ލަފައާ މެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

އެޓާނީ ޖެނެރަލްގެ ލަފާގެމަތިން، ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވި، ތެލަސީމިޔާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށް ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާ ބިލްތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވަމުންގެންދަ ވަނީ ވަގުތުނަގާލެއްވުމަށް ކަމަށެވެ. އަދި އެ ބިލުތައް މަޖިލީހަށް ފޮނުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާ ބޭފުޅަކީ އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނަމަވެސް، މަޖިލީހުގެ ރުހުން ނެތް ބޭފުޅަކަށް ވާތީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ސަވާދަށް އެޓާނީ ޖެނެރަލްކަން ދެއްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވުމަށް މަޖިލީހުގެ ރުހުން ނުދެއްވުމުން ކަމަށާއި ސަވާދަށް މަޖިލީހުގެ ރުހުންނެތްކަން އެކަމުން ދޭހަވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައާ މެދު ސުވާލު އުފެދޭ. އޭނާ އަކީ ޓޫރިޒަމް މިނިސްޓަރު ކަމަށް ވެސް މަޖިލީހުން ރުހުން ނުދެއްވި ބޭފުޅެއް. ނަމަވެސް ހަމަ ވަގުތު ނަގާލުމަށް އެޓާނީ ޖެނެރަލް ކަންދީފައި އެވަނީ. މަޖިލީހުގެ އުސޫލު އޮންނަނީ ވެސް ބޭރުކޮށްލާ ބިލެއް އެބިލު ބޭރުކޮށްލާ ދައުރުގައި އަލުން މަޖިލީހަށް ނުވެއްދޭ ގޮތަށް. އެހެންކަމުން އަޅުގަނޑުމެން ބޭނުން ވަނީ، މަޖިލީހުގެ ރުހުން ނުލިބޭ ބޭފުޅަކު އެދައުރެއްގައި އަލުން ކެބިނެޓަށް ނުގެނެވޭނެ ކަމަށް،" ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ބައެއް މެންބަރުން ވިދާޅުވީ، ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ދުވަހު ޖަލްސާގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ވޯޓާ ވެސް އެކުގައި ކަމަށެވެ. އެހެންކަމުން ބަންޑާނާއިބުގެ ލަފައާއެކު ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެބިލު މަޖިލީހަށް ފޮނުވާލާފައި ވަނީ، ސަރުކާރުން ގެންގުޅޭ ހުދުމުހުތާރު ސިޔާސަތުގެ ދަށުން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.