މިދިޔަ ޖޫން މަހުގައި ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތް ތިންވަނަ ފަހަރަށް ކެންސަލްކޮށްފި އެވެ.

މައްސަލަ ތިން ވަނަ ފަހަރަށް ވެސް ކެންސަލްވެފައި ވަނީ ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކުރުމަށް އެ މައްސަލައިގެ ދައުވާ ލިބޭ ލ. ގަން ރެޑްފިޝް އަލީ ހަމްޒާ ފުރުސަތު ދިން ފަހުންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަހްމަދު މުހައްމަދު މަނިކު 'ސަން' އަށް ވިދާޅުވީ މިއަދު 10:00 އަށް ތާވަލުކުރެވުނު އެމައްސަލަ ކެންސަލް ކުރީ ވަކީލަކު ހަމަ ނުޖެހޭތީ ކަމަށެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައި ވާތީ އަލީ ހަމްޒާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަނީ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ލިބޭ އަލީ ހަމްޒާ އެދުވަހު ބުނެފައި ވަނީ ދައުވާއަށް ޖަވާބު ދާރީވާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.