ވޮޝިންޓަން (އޮގަސްޓް 25): އައިއެސްއާ ދެކޮޅަށް ރުކުރުވާލާފައިވާ ބައިނަލްއަގްވާމީ ލަޝްކަރުގައި ތުރުކީ ބައިވެރި ކުރުމުގެ ކަންކަން ނިމިފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ޕީޓަރ ކުކް ވިދާޅުވީ އައިއެސްއާ އދިކޮޅު ބައިނަލްއަގްވާމީ ލަޝްކަރުގައި ތުރުކީ ބައިވެރިކުރުމާބެހޭ ކަންތައްތައް ނިމުނުނަމަވެސް ޓެކްނިކަލް ލެވެލްއަށް ތުރުކީގެ ބައިވެރިވުން ގެންދިޔުމަށް އަދި ހައެއްކަ ދުވަސްނަގާނެ އެވެ. މި އެލަޔަންސްގައި ބައިވެރިވާނެކަން ތުރުކީ ހާމަކޮށްފައިވީ ނަމަވެސް ތުރުކީވެސް މަސްލަހަތު ހުރީ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން އައިއެސް ޖަމާއަތް ބޭރުކޮށްލުމަށް އެކަނިކަން އެގައުމުގެ ބަޔާންތަކުން ހާމަވެ އެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫދު ޗާވްޝް އޮގްލޯ ތުރުކީގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން އައިއެސް ޖަމާއަތް ބޭރުކޮށްލުމަށް އެމެރިކާއާ އެކު ވައިގެ ވަރުގަދަ އޮޕަރޭޝަނެއް ފަށަން ތުރުކީ ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މި އޮޕަރޭޝަންގައި ގަލްފުގެ ބައެއް އަރަބި ގައުމުތައް ވެސް ބައިވެރިވާނެ ކަމަށް މަވްލޫދު ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާގޮތުން މިއޮޕަރޭޝަންގެ ބޭނުމަކީ ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުން ފެށިގެން އަށްޑިހަ ކިލޯމީޓަރުގެ ފުޅާ ސަރަހައްދަކުން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހުޅަނގުގެ މަދަދުލިބޭ ފްރީސީރިޔަން އާމީ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވައިގެ ހިމާޔަތް ދިނުމެވެ.
ފްރީސީރިޔަން ޖަމާއަތަކީ ތުރުކީއާއި އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އަސްކަރީ އަދި މާލީ އެހީ ލިބޭ ޖަމާއަތެކެވެ. ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުން ފެށިގެން އަށްޑިހަ ކިލޯމީޓަރުގެ ފުޅާ ސަރަހައްދަކުން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ އަނެއް ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުން އައިއެސްއާ ގުޅުމަށް އަންނަ ހަނގުރާމަވެރިން އެޖަމާއަތާ ގުޅުމަށް ހުރަސްއެޅުމާއި އައިއެސްއަށް ހަތިޔާރާއި އެނޫންވެސް ވަސީލަތްތައް ލިބުން މަނާކުރުން ކަމަށް ތުރުކީގެ މީޑިޔާ ބުނެއެވެ.
ތުރުކީ ދެކޭގޮތުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ފާބައިވަޑައިގަންނަވާ ގޮތަށް ގެނެވޭ ސިޔާސީ ހައްލަކުންނެވެ. މިފަދަ ހައްލެއް ނުގެނެވިއްޖެނަމަ ސޫރިޔާގެ ވެރިކަމުގެ ނިޒާމު ރޫޅި އައިއެސް ޖަމާއަތްފަދަ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާގެ ވެރިކަންގޮސް އެޖަމާއަތުގެ ނުރައްކާތެރިކަން މުޅި ސަރަހައްދަށް މިހާރަށްވުރެ ބޮޑުވާނެ ކަމަށް އެމެރިކާއާއި ތުރުކީ އާއި ގަލްފުގެ އަރަބި ގައުމުތަކުން ދެކެއެވެ. ނަމަވެސް އައިއެސްގެ ބާރު ސޫރިޔާގައި ގަދަވީ އެމެރިކާއާއި ތުރުކީއާއި ގަލްފުގެ އަރަބި ގައުމުތަކުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއިން ކަމަށް ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. އަދި ސޫރިޔާގައި އައިއެސް ބަލިކޮށްލެވޭ ވަރުގެ ހަމަލާތަކެއް އެމެރިކާއާއި ތުރުކީން އެޖަމާއަތަށް ނުދޭނެ ކަމަށާ އައިއެސް ވަކިވަރެއްގައި ސޫރިޔާގައި ބޭއްވުމަކީ އެމެރިކާއާއި ތުރުކީގެ ސްޓްރެޓީޖިކް ލަނޑު ދަނޑިއެއްކަމަށްވެސް ތަހްލީލުތައް ބުނެއެވެ. (އަލްޖަޒީރާ)