ގާނޫނަށް ބޯލެބުމުގެ އުސޫލުތައް ގާއިމުކޮށް، ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަން ކުރުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިން ނާއި ސައުތު އޭޝިޔަން ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗުއާރު) ގުޅިގެން ނެރުނު ފެކްޓް ފައިންޑިން ރިޕޯޓްގައި އިއްޔެ ގޮވާލައިފި އެވެ.

"ޖަސްޓިސް އެޑްރިފްޓް: ގާނޫނީ ވެރިކަން، އަދި ސިޔާސީ ހަމަނުޖެހުން"ގެ މައްޗަށް ތައްޔާރުކޮށްފައިވާ 35 ސަފުހާގެ ރިޕޯޓްގައި ބުނެފައި ވަނީ އިންސާނީ ހައްގާއި ގާނޫނީ ވެރިކަން ތަޅުން ނެއްޓިފައިވާކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ގޮތާއި ޝަރީއަތް ދިޔަގޮތުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެ ރިޕޯޓްގައި ބުނީ ކުރީގެ ރައީސް ނަޝީދު ހޯމަ ދުވަހު ޖަލަށް ބަދަލު ކުރީ އެއްވެސް ގާނޫނީ އަސާސެއް ނެތި ކަމަށެވެ.

އައިސީޖޭ އާއި އެސްއޭއެޗުއާރު އިން ބުނީ ދިވެހި ސަރުކާރުގެ ފަރާތުން ނަޝީދު ބަންދުން ދޫކޮށްލައި ބޭސް ފަރުވާ ކުރެވޭނެ އިންތިޒު ހަމަޖައްސައިދީ އަދި އާއިލާ އާއި ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.

އައިސީޖޭ އާއި އެސްއޭއެޗުއާރު ގުޅިގެން ފެކްޓް ފައިންޑިން މިޝަނެއް މިދިޔަ މޭ މަހު ވަނީ ރާއްޖެ އައިސްފަ އެވެ.

"އަހަރުން ބަޔާންކޮށްފައި ވާނެ ރާއްޖޭގެ ޝަރުއީ ނިޒާމު ބަލިކަށިވެ، ހަމަހަމަކަމާއި މުރުއްވަތްތެރިކަން ޝަރުއީ ނިޒާމުގައި ނެތްކަން." އެ ބަޔާނުގައި ބުންޏެވެ.

އަދި ބުނީ މިހާރުގެ ހަމަނުޖެންތަކުގެ ސަބަބުން ރާއްޖެ ފަހަތަށް ގޮސް، 2008 ވަނަ އަހަރުގެ އުންމީދުތައް ވިއްސިވިހާލި ވެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ބުނީ ޒަމާންތަކަކަށް ފަހު 2008 ވަނަ އަހަރުގެ އާ ގާނޫނު އަސާސީއާ އެެކު ރާއްޖޭގައި ގާނޫނީ ވެރިކަމާއި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމަކާއި މިނިވަން މުއައްސަސާތަކާއި އިންސާނީ ހައްގު ހިމާޔަތް ކުރެވިފައިވާ ނިޒާމެއް ގާއިމު ކުރެވުނު ކަމަށެވެ. ނަމަވެސް އާ ރިޕޯޓްގައި ބުނީ އެ ނިޒާމަށް މިހާރު ނުރައްކާ ދިމާވެފައިވާ ކަމަށާއި އަދި އަނބުރާ ހުދުމުހުތާރު ނިޒާމު އަށަގަންނަމުން އަންނަ ކަމަށެވެ.